އަނެއްކާވެސް ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގައި މިރޭ ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

މިރޭ ގާތްގަނޑަކަށް 9:30 އެހައިކަންހާއިރު މއ.ލައިޓްކޯނާގޭގެ ކުރިމަތީހުންނަ ގޯޅިގަނޑެއްގެ ތެރޭގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ގދ. ރަތަފަންދޫއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އައްޒާމް ހަސަން ނަމަކަށް ކިޔާ ޒުވާނަކަށެވެ. އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ ގޯޅިގަނޑުގެ ތެރެއިން އެ ޒުވާނާއަށް ވަޅިން ހަމަލާދިނުމުން އޭނާ ދުވެފައި ދިޔައީ ސްކޫޕް ގޯޅިގަނޑުގެ ތެރޭގައި ހުންނަ އޭނާގެ ގެއަށެވެ.

އެ ޒުވާނާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ވަޅިހަރާފައި ވަނީ އޭނާގެ ވާތްފަރާތު ކަނދުރާއަށް ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިފައިނުވާ ކަމަށެވެ.

ސަންގެ ނޫސްވެރިން ސްކޫޕް ގޯޅިގަނޑަށް ދިޔައިރު ފުލުހުންގެ ފޮރެންސިކްޓީމުން އެ ޒުވާނާގެ ގޭގެ ކުރިމަތީގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ޒުވާނާގެ ހާލު ސީރިއަސްކަމަށާއި މިވަގުތު އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

ރޯދަ މަސް ނިމުނުފަހުން މާލޭގައި ތޫނުއެއްޗިހިން ހަމަލާދިނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ގ. މަސްއޮޑިގެ ކައިރީގައި ހުރި ޒުވާން އަންހެނަކަށް މޫނުނިވާކޮށްގެން ތިބި ބަޔަކު ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އަދި ހަމައެރޭ މާފަންނު ލެމަންގްރާސް ކައިރިން ފިރިހެނަކަށް ތޫނުއެއްޗަކުން ދިން ހަމަލާގައި އެމީހާގެބޮލުގެ ބައެއް ވަނީ ޒަޚަމްކޮށްލާފައެވެ.

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ވެސް ވަނީ ދެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. ހުޅުމާލެ 60 ނަމްބަރު ފްލެޓް ކައިރީގައި ހިނގި އެ މާރާމާރީގައި އެކެއްގެ ބޯފަޅާލާފައި ވާއިރު، އަނެއް މީހާގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު