ޗަމްޕާ އަހްމަދު މޫސާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މއ. ޗަމްޕާމާގޭ އަހްމަދު މޫސާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ މަރްހޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އަހުމަދު މޫސާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަދުވަސްތަކެއް ވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލްގައި ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

މަރްހޫމް އަހްމަދު މޫސާގެ އާއިލާއަށް ރައީސުލްހޫރިއްޔާ ތައުޒިޔާ ވިދާޅުވީ، އެ އާއިލާގެ ބޭފުޅުން ކަމަށްވާ ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށާއި، ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް މިއަދު ފޯނުން ގުޅުއްވައެވެ.

ސިންގަޕޫރުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އަލްމަރްހޫމް އަހްމަދު މޫސާ އަވަހާރަވީ ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަން ފާހަގަކުރައްވައި، މި ހިތާމަވެރި ވަގުތުގައި މަރުހޫމް އަހްމަދު މޫސާގެ ދެ ދަރިކަލުންނަށާއި ލޮބުވެތި އާއިލާއަށް ކެތްތެރިކަން ދެއްވައި، އެ މަރުހޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވާ ކަމަށާއި އެ އާއިލާއަށް މި ދިމާވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އަލްމަރްހޫމް އަހްމަދު މޫސާއަކީ ވިޔަފާރީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު