ހެލްޕް ގާޒާ ޓެލެތޯންގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކޮށްފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ އުދުވާނުގައި އަނިޔާލިބި ހާލުގައި ޖެހެމުންދާ މުސްލިމު އަހުންނާއި އުހުތުންނަށް އެހީވެ ދިނުމަށް ފަންޑްރައިސް ކުރުމަށް ދިވެހި މީޑީއާގެ ފަރާތްތައް ގުޅިގެން ބާއްވާ "ހެލްޕް ގާޒާ" ޓެލެތޯންގައި ބޭނުންކުރާނޭ "ލޯގޯ"އެއް ފަރުމާކޮށްފި އެވެ.

އަންނަ ހަފްތާގެ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އިން ފެށިގެން 33 ގަޑިއިރާއި 30 މިނިޓަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހެލްޕްގާޒާ" ޓެލެތޯނުގައި ބޭނުންކުރާނޭ ލޯގޯ ފަރުމާކޮށްފައި ވަނީ، ސަންގެ މީޑިއާ ގްރޫޕްގެ ކްރިއޭޓިވް މެނޭޖަރު މުސްތަފާ މުހަންމަދު ރަޝީދު (މުސްތޮ) އެވެ.

"މިއީ މި ޓެލެތޯނުގައި އަޅުގަނޑު ވެސް ބައިވެރިވުމުގެ ގޮތުން ވެދޭ އެހީއެއް. ފަލަސްތީނުގެ ގައުމީ ކުލަތަކުގެ މައްޗަށް ޑިޒައިން ކޮށްފައިވާ މި ލޯގޯ އިން ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ ތެރޭގައި އެކަމަށް ހޭލުންތެރިކަން އުފެއްދުމާއި، އަދި ފަލަސްތީނަށް އެހީގެ އަތެއް ފޯރުކޮށްދިނުން،" ލޯގޯ ފަރުމާކުރެއްވި މުސްތޮ ވިދާޅުވި އެވެ.

ހެލްޕްގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ މީޑީއާ ކޯޑިނޭޓަރު، އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، "ހެލްޕް ގާޒާ" ޓެލްތޯންގެ ޓީވީ ޝޯތަކުގަޔާއި އަދި ސޯޝަލް މީޑިއާގެ އިތުރުން ޓީޝާޓް ފަދަ ތަކެއްޗާއި އަދި އެ ނޫންވެސް ގޮތަކަށް އެ އިވެންޓް ޕްރޮމޯޓް ކުރުމަށް މީގެ ފަހުން ބޭނުން ކުރާނީ މި ލޯގޯ ކަމަށެވެ.

"ލޯގޯ ފާސްކުރެއްވީ މިއަދު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމެއްގައި. މި ލޯގޯ ހުރިހާ މީޑިއަމްތަކެއްގަޔާއި ސޯޝަލް މީޑިއާގައި ބޭނުން ކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ހިރިގާ ވިދާޅުވި އެވެ.

ހިރިގާ ވިދާޅުވީ، ޓެލެތޯންގައި ބޭނުންކުރާނޭ ލޯގޯއެއް މިއަދު ފާސްކޮށްފައި ވާއިރު، މިއަދު ބޭއްވި ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމުގައި "ހެލްޕް ގާޒާ" ޓެލެތޯން ޕްރޮމޯޓް ކުރުމަށް ލަވަތަކެއް ތައްޔާރު ކުރުމަށް ވެސް ބޭފުޅުންކޮޅަކާ ހަވާލުކޮށްފައި ވާ ކަމަށެވެ.

ހެލްޕް ގާޒާ ޓެލެތޯންގައި ބޭނުންކުރާން ހަމަޖެހިފައިވާ ލަވަތަކުގެ ތެރެއިން އިވެންޓުގެ ތީމް ލަވަ "މަވެސް އެހީވާނަން" ތައްޔާރު ކުރައްވަނީ މަޝްހޫރު ޅެންވެރިޔާ އަދި ވީޓީވީގެ ޗެއާމަން އަމީން އިބްރާހީމެވެ. އަދި "މުސްލިމް އުންމަތްތަކުން އެހީވުމަށް އެދި ގޮވާލުން" މި މައުލޫއަށް ލަވައެއް ތައްޔާރު ކުރައްވަނީ މަޝްހޫރު ޅެންވެރިޔާ މއ. އުރަހަ އަބްދުއްރަޝީދު ހުސައިން އެވެ.

"ގާޒާގެ ކުޑަކުދިންގެ އަޑު" މި މައުލޫއަށް ލަވަ ތައްޔާރު ކުރައްވަނީ މަޝްހޫރު ޅެންވެރިޔާ، ސަން މީޑިއާ ގްރޫޕްގެ މެނޭޖަރު، އެޑްމިން އެންޑް އެޗުއާރު މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) އެވެ. މީގެ އިތުރުން "އާއިލާތައް ވިއްސިވިހާލިވުން" މި މައުލޫއަށް ލަވަ ތައްޔާރު ކުރައްވަނީ މަޝްހޫރު ޅެންވެރިޔާ އަދި ކުއްލިއްޔަތުލްދިރާސާތުލް އިސްލާމިއްޔާގެ މުދައްރިސް އާދަމް ނަސީރެވެ.

ހިރިގާ ވިދާޅުވީ، ހެލްޕްގާޒާ ޓެލެތޯނަށް ލޯގޯ އާއި ލަވަތައް ތައްޔާރުކޮށްދެއްވާ ބޭފުޅުން އެކަންކަން ކޮށްދެއްވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މީޑިއާއިން ހިންގާ ހަރަކާތްތަކަށް އެ ބޭފުޅުންގެ ފަރާތުން ވެދެއްވާ އެހީއެއްގެ ގޮތުގައި ކަމަށެވެ.

"ހިލޭ ސާބަހަށް އެ މަސައްކަތްކޮށްދެއްވާ ބޭފުޅުންނަށް އަޅުގަނޑުމެން ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" ހެލްޕްގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ މީޑިއާ ކޯޑިނޭޓަރު ހިރިގާ ވިދާޅުވި އެވެ.

"ހެލްޕްގާޒާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓެލެތޯންގެ ހޭޝް ޓެގެއްގެ ގޮތުގައި ބޭނުން ކުރާނީ، HelpGazaMv# އެެވެ. އަދި ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރާނީ "މަވެސް އެހީވާނަން" އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު