"ހެލްޕް ގާޒާ ތެލެތޯން" ގައި ބައިވެރިވުމަށް އެމްޖޭއޭ އިން ނިންމައިފި

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ "ހެލްޕް ގާޒާ ތެލެތޯން"ގައި ބައިވެރިވުމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯންގައި ބައިވެރިވެ ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދިނުމަށް އެ ޖަމްއިއްޔާއިން ނިންމާފައިވާ ކަމަށެވެ.

"...ތެލެތޯންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މިޖަމްއިއްޔާއިން ބައިވެރިވެ، ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދިނުމަށް މިޖަމްއިއްޔާއިން ނިންމައިފީމެވެ،" އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ ޓެލެތޯނަކީ އެންމެން ގުޅިގެން ކުރިއަށް ގެންދަންޖެހޭ ކަމެއްކަމުގައި އެ ޖަމްއިއްޔާއިން ދެކޭ ކަމަށާއި އެހެންކަމުން ވީހާވެސް ގިނަބަޔަކު ޓެލެތޯންގައި ބައިވެރިވުމަކީ އެދެވިގެންވާކަމެއް ކަމަށް އެޖަމްއިއްޔާއިން ގަބޫލުކުރާ ކަމަށެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި އެތަށް ބަޔަކު ވަނީ ޝަހީދުވެފަ އެވެ.

އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން ހަމަލާތަކުގައި އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި ޣައްޒާގެ މާރުކޭޓަކާއި ޣައްޒާގައި ހުންނަ އދ. ގެ ސްކޫލަކާއި ބައެއް މިސްކިތްތައްވެސް ހިމެނެއެވެ. މިތަންތަނަށާއި ޣައްޒާގެ އެހެންތަންތަނަށް އިސްރާއީލުން އިއްޔެ ޙަމަލާދީ ފަލަސްތީނުގެ 110 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި 200 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ދާއިރާއިން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު