އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ހިދުމަތް މިހާރު އޮތީ ހުއްޓިފައި: މޭޔަރު

އައްޑޫ ސިޓީއަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އެމްވީކޭ މޯލްޑިވްސްގެ ފަރާތުން ދަތުރުކުރުން ހުއްޓާލާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

"ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޭޔަރު ސޯބެ ވިދާޅުވީ، އައްޑޫ ސިޓީއަށް ދެމުން އަންނަ ފެރީގެ ޚިދުމަތާއި ބަސްދަތުރުގެ ޚިދުމަތް ހުއްޓިފައި އޮންނަތާ ހަފްތާއެއް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް ބޮޑަތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

"ހަފްތާއެއް ވަނީ މިމިކަން މިހެން އޮންނަތާ. ހުޅުމީދޫއަށް އެއްވެސް ވަރަކަށް މިހާރު ދަތުރެއް ނުކުރޭ. ގަމާ ކައިރިން ގުޅިފައި ހުރި ރަށްތަކަށް ވެސް ނުކުރޭ. އަދި ފޭދޫ އިން ހުޅުމީދޫއަށް ދަތުރުކުރާ ފެރީގެ ދަތުރުތައް ވެސް މިހާރު އޮތީ ހުއްޓިފައި،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މީގެ ކުރިންވެސް އެމްވީކޭއިން ފެރީގެ ދަތުރުތަށް ގަވާއިދުން ނުކުރާ ކަމަށާއި ދަތުރުތަކަށް ވަކި ޝެޑިއުލް އެއް އޮންނަ އިރު އެ ޝެޑިއުލްގެ އެއްވެސް މައުލޫމާތެއް ކައުންސިލާ ހިއްސާ ކުރަމުން ނުދާ ކަމަށެވެ. އަދި އެމްވީކޭގެ ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި މީގެ ކުރިން އެދިފައިވާނެ ކަމަށާއި ނަމަވެސް އެކަމުގެ މާބޮޑު ނަތީޖާއެއް ނުފެންނަކަމަށް ސޯބެ ވިދާޅުވި އެވެ.

ފެރީ ދަތުރުތައް ހުއްޓިފައި އޮތުމުން ޚާއްސަކޮށް ހުޅުމީދޫ ރައްޔިތުންނަށް ވަޒީފާއަށް ދިޔުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ކުރިން ހުޅުމީދޫ ފެރީއަށް ކޮޅަކަށް 40 ރުފިޔާ ދައްކައިގެން ދަތުރު ކުރި ނަމަވެސް ދަތުރުތައް ކުރިއަށްނުދާ ދުވަސްތަކުގައި ދަތުރު ކުރަން ޖެހެނީ އަމިއްލަ ލޯންޗެއް ކުއްޔަށް ހިފައިގެން ކޮޅަކަށް 2500 ރުފިޔާ ދީގެން ބޮޑު ހަރަދުގައި ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

އައްޑު ސިޓީގެ ދަތުރުފަތުރުގެ ހިދުމަތް ހުއްޓިފައި ވާތީ އެކަމާ ގުޅޭ ގޮތުން އެމްވީކޭގެ ބަހެއް ހޯދުމަށް ސަންއިން މަސައްކަތް ކުރި ނަމަވެސް އެމްވީކޭގެ އިސް ވެރިޔަކާ ގުޅޭގޮތް ވަނީ ނުވެފައެވެ.

އައްޑޫ ސިޓީގެ ދަތުރު ފަތުރުގެ ހިދުމަތް އެމްވީކޭއާ ހަވާލުކޮށްފައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުންނެވެ.

އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާ ގޮތަށް ޝަރުތުކޮށް، ބީލަމަކާ ނުލައި ރައީސް ނަޝީދުގެ ސަރުކާރުން ވަނީ 2009 ވަނަ އަހަރު، އެމްވީކޭ މޯލްޑިވްސްއަށް ގަމުގައި ހުންނަ ދޫގަސް ގެސްޓްހައުސް 50 އަހަރަށް ކުއްޔަށް ދީފައެވެ.

އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދު ކުޑަކަމަށް ބުނެ ސީ އެމްބިއުލާންސް ގެ ހިދުމަތް ވެސް އެ ސިޓީއަށް ނުދިނުމަށް ސަރުކާރުން ނިންމާފައި ވާ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު