އީދަށް މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި ހަ ކުދިން މަރުވެއްޖެ

ޖަކާޓާ (31 ޖުލައި) - އިންޑޮނޭޝިއާގެ ވިލެޖެއްގައި ދިރިއުޅުނު ބަޔަކު ގޮވައިގެން އެމީހުންގެ އަމިއްލަ އަވަށަށް ފިތުރު އީދުފާހަގަ ކުރުމަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލައި އެ ބޯޓުން ދަތުރު ކުރި ހަ ކުއްޖަކު މަރުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ޑިސާސްޓާ އެޖެންސީގެ ތަރުޖަމާން ސުޓޮޕޯ ޕުރްވޯ ނުގްރޮހޯ އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ، އިންޑޮނޭޝިއާގެ ސުމަޓްރާގެ އުތުރަށް އޮންނަ ބަރޮމްބޭންގް ކޯރަށް އެ ބޯޓު އަޑިޔަށް ގޮސްފައިވަނީ ބޯޓުން ތެޔޮ ހުސްވެގެން ކޯރު ތެރޭ އޮޔާ ދަނިކޮށް، ކޯރުތެރޭން އޮޔާދިޔަ ގަސް ބުޑެއްގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި ހަ ކުއްޖަކާއި އަންހެނަކު މަރުވެފައިވާއިރު، މަރުވި ކުދިންގެ ތެރޭގައި ހަތް މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

"މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުން ވަނީ މަރުވި ހަ މީހުންގެ ހަށިގަނޑު ނަގާފައި. އަދި އިތުރު 13 މީހެއްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ. މަރުވެފައި ވަނީ 25 އަހަރުގެ އަންހެނަކާއި ހަ ކުދިން. އެ ކުދިންގެ އުމުރު އުޅެނީ ހަތް މަހާއި 11 އަހަރާއި ދެމެދު. އަދި ބޯޓުން 47 މީހުން ދަތުރުކުރި ކަމަށް މައުލޫމާތު ލިބޭ،" އިންޑޮނޭޝިއާގެ ޑިސާސްޓާ އެޖެންސީގެ ތަރުޖަމާން ވިދާޅުވެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ކަލިމަންތަންގެ މެދުތެރޭގައި އޮންނަ ކަޕުއަސް ކޯރުގައި ވެސް ވަނީ އީދަށް މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި އެ ބޯޓުން ދަތުރުކުރި 15 މީހަކު މަރުވެ، ތިން މީހުން ގެއްލިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު