28 މިލިއަން ޕައުންޑްގެ އަގަކަށް ލުކާކޫ އެވަޓަންއަށް ސޮއިކޮށްފި

ޗެލްސީގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ 28 މިލިއަން ޕައުންޑްގެ އަގަކަށް އެވަޓަންއަށް ސޮއިކޮށްފި އެވެ.

ލޯނުގެ ދަށުން މިދިޔަ ސީޒަން ހޭދަކުރި އެވަޓަންއަށް އުމުރުން 21 އަހަރުގެ ފޯވަޑް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ލޯނުގެ ދަށުން މިދިޔަ ސީޒަނުގައި ލުކާކޫ ވަނީ އެވަޓަންއަށް މޮޅު ކުޅުމެއް ދައްކާ، ޕްރިމިއާ ލީގުގައި 15 ލަނޑު ކާމިޔާބުކޮށްފަ އެވެ.

"އަލުން އެވަޓަންއަށް ސޮއިކުރެވުމުން އަހަރެން އުފާކުރަން. އެވަޓަންގައި ކާމިޔާބީ ސީޒަނެއް ހޭދަކޮށް، ކޯޗާއި، ޗެއާމަނާއި، މުވައްޒަފުންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންނާ އެކު ރަނގަޅު ގުޅުމެއް އުފެދުނު. މި ކްލަބާއެކު އަލުން މަސައްކަތްތައް ފަށައި، ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް އަހަރެން މިހިރީ ކެތްމަދުވެފައި،" އެވަޓަންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއްގައި ލުކާކޫ ބުންޏެވެ.

ލޫކާކޫ ސޮއިކުރުމާއި ގުޅިގެން އެކްލަބުގެ ކޯޗު ރޮނާޓޯ މާޓިނޭސް ވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ. މާޓިނޭޒް ބުނީ، ލުކާކޫ އަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކިބައިގައި ފެންވަރު ހުރި ކަމަށެވެ.

ޗެލްސީއިން ލުކާކޫ ދޫކޮށްލާފައިވާ އިރު، އެކްލަބަށް ވަނީ އެތުލެޓިކޯގެ ހުނަރުވެރި ފޯވަޑް ޑިއެގޯ ކޮސްޓާ އާއި އެކްލަބުގެ ކުރީގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ ވެސް ހޯދައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު