ހެކަރުން މޮސާޑުގެ ވެބްސައިޓް ހުއްޓުވައިފި

ހެކަރުންގެ ޖަމާއަތް އެނޮނިމަސް އިން އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ވެބްސައިޓް ހެކްކޮށް، އެ ވެބްސައިޓް ހުއްޓުވައިފި އެވެ.

އެނޮނިމަސް އިން މޮސާޑްގެ ވެބްސައިޓް ހެކްކޮށް، ހުއްޓުވާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން މިހާތަނަށް ވެސް އަދި އެވެބް ސައިޓް ހުރީ ހުއްޓިފަ އެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިފަހަރުގެ އުދުވާން ހިންގަން ފެށުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން "ގަތުލު އާއްމު ހުއްޓުވުމުގެ މިޝަން"އެއް ކަމަށް ބުނެ އެނޮނިމަސް އިން ވަނީ ކެމްޕޭނެއް ފަށާފަ އެވެ. ހަނގުރާމަ ފެށިފަހުން މިހާތަނަށް އިސްރާއީލުގެ އެތައް ހާސް ވެބްސައިޓެއް ހެކްކޮށްފައިވާނެ ކަމަށެވެ. އިސްރާއީލުގެ 170 އޮފިޝަލެއްގެ ލޮގިން ޑީޓެއިލްސް (ޔޫޒާ ނޭމްތަކާއި ޕާސްވޯޑްތައް) ވެސް އެޖަމާއަތުން ވަނީ ލީކްކޮށްލާފަ އެވެ.


އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނަށް 23 ދުވަސް ވެފައި ވާއިރު އެގައުމުން ވަނީ އެ އުދުވާން ވަރުގަދަކޮށްފަ އެވެ. އެގޮތުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރާ ލަޝްކަރަށް އިތުރު 16000 މީހުން ބައިވެރިވާން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ އަންގާފަ އެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ މިފަހަރު ނެރޭ 16000 މީހުންނާ އެކު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ނެރެފައިވާ ސިފައިންގެ އަދަދު 86000 އަށް އަރާނެ ކަމަށެވެ.

އިސްރާއީލުން އިއްޔެ ޝަހީދު ކުރި މީހުންނާއެކު މިފަހަރުގެ އުދުވާނުވައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 1360 އަށް ވުރެ މަތިވެފަ އެވެ. އަދި އިސްރާއީލުގެ 50 ސިފައިން މަރުވެފައިވާ ކަމަށް އެ މީހުން އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ހަމާސްގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑުން އިއްޔެ ބުނެފައި ވަނީ އިސްރާއީލުގެ 110 ސިފައިން މިހާތަނަށް މަރާލާފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު