ތުރުކީން ޣައްޒާއަށް ފޮނުވި އެހީގެ ކޮންޓެއިނަރެއް އިސްރާއީލުން ހިފަހައްޓައިފި

އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ތުރުކީގެ އަމިއްލަ ފަރާތަކުން ފޮނުވި އެހީގެ ތަކެތި ހުރި ކޮންޓެއިނާއެއް އިސްރާއީލުން ހިފަހައްޓައިފި އެވެ.

އިސްރާއީލުގެ ކަސްޓަމްސް އޮފިޝަލުންނާ ހަވަލާދީ "އިސްރާއީލް ނެޝަނަލް އޮންލައިން" ނަމަކަށް ކިޔާ ނޫހުން މިއަދު ބުނީ ކޮންޓޭނާ ހިފެހެއްޓީ ޝައްކު ކުރެވޭ ބާވަތްތަކެއް އޭގައި ހުރުމުން ކަމަށެވެ. އެކޮންޓޭނާގައި އެތައް ސަތޭކަ ބޯލްބިއަރިން އާއި ސިމެންތި ގަށާ މެޝިން ހުރި ކަމަށާއި އެބާވަތް ތަކަކީ ހަމާސް އިން ހަތިޔާރު ހެދުމަށާއި ބިންގަރާސް ހެދުމަށް ބޭނުންކުރާ ތަކެތި ކަމަށް އިސްރާއިލު އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެހީގެ ތަކެތި އިސްރާއީލުން ހިފަހައްޓާފައި ވާއިރު ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު އެ ގައުމުން އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރާ ލަޝްކަރަށް އިތުރު 16000 މީހުން ބައިވެރިވާން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ އަންގާފަ އެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ މިފަހަރު ނެރޭ 16000 މީހުންނާއެކު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ނެރެފައިވާ ސިފައިންގެ އަދަދު 86000 އަށް އަރާނެ ކަމަށެވެ.

އިސްރާއީލުން އިއްޔެ ޝަހީދު ކުރި މީހުންނާއެކު މިފަހަރުގެ އުދުވާނުވައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 1360 އަށް ވުރެ މަތިވެފަ އެވެ. އަދި އިސްރާއީލުގެ 50 ސިފައިން މަރުވެފައިވާ ކަމަށް އެ މީހުން އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ހަމާސްގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑުން އިއްޔެ ބުނެފައި ވަނީ އިސްރާއީލުގެ 110 ސިފައިން މިހާތަނަށް މަރާލާފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު