އެސްޓީއޯގެ މުދަލަށް ގެއްލުންވެގެން މިހާތަނަށް 50000 ރުފިޔާގެ ގެއްލުމެއް!

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ މުދަލަށް ގެއްލުންވެގެން މިދިޔަ އަހަރު 19 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ އިރު މިއަހަރު މިހާތަނަށް އެއަދަދު ހުރީ 50 ހާސް ރުފިޔާގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އާޒިމް މިއަދު ވިދާޅުވީ އެކުންފުނިން މިހާރު މަސައްކަތް ކުރަނީ ޚަރަދުތައް ކުޑަކޮށް ކުންފުއްޏަށް ވީހާވެސް ފައިދާވާނެގޮތަކަށް އެކުންފުނި ހިންގަން ކަމަށެވެ. އެގޮތުން ގެއްލުން 50،000 ރުފިޔާއަށް ދަށްކުރެވިފައި ވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއަށް މިހާރު އަންނަނީ ބޮޑެތި ފައިދާތަކެއް ވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 289 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ ލިބިފަ އެވެ.

އާޒިމް ވިދާޅުވީ އެކުންފުއްޏަށް ފައިދާވަމުންދާ ކަމުގެ އަސްލަކީ ޚަރަދު ކުޑަކުރުމާއި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިލިބޭ ކާމިޔާބީގައި މުއައްޒިފުންގެ ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކުރަން" އާޒިމް ވިދާޅުވިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 132 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު އިރު، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 157 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު