ރޭ ކުޅުނު މެޗުތަކުން ފީއަލީ ޑިވެލޮޕްމެންޓާއި ރިއަލް އައިލެންޑް މޮޅުވެއްޖެ

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ފީއަލީ ޑިވެލޮޕްމެންޓް ސޮސައިޓީ އާއި ރިއަލް އައިލެންޑް މޮޅުވެއްޖެ އެވެ.

ހެންވޭރު ދަނޑުގައި ރޭ ކުޅުނު ފުރަތަމަ މެޗުން އަރާތަރި ޓީމާ ވާދަކޮށް 28 ލަނޑު 2 ފޯލިން ފީއަލީ ޑިވެލޮޕްމެންޓް ސޮސައިޓީ މޮޅުވި އިރު، ރޭގެ އަނެއް މެޗުގައި ކ.ދިއްފުށީ ކުރަނގި ބަށި ޓީމާ ވާދަކޮށް 35 ލަނޑު 7 ފޯލިން ކާމިޔާބުކުރީ ރިއަލް އައިލެންޑެވެ.

އިއްޔެގެ އެހެން މެޗުތަކަށް ބަލައިލާ އިރު، ހެނދުނު ކުޅުނު ފުރަތަމަ މެޗުން އަރާތަރި އާއި ވާދަކޮށް ގުލްޒާރު ޓީމް މޮޅުވީ 30 ލަނޑުންނެވެ. އަދި ހެނދުނު ކުޅުނު ދެވަނަ މެޗުގައި ފެއަރީ ކުއީނާއި ވާދަކޮށް އ.ދ މަހިބަދޫ ސްޕޯޓްސް ކްލަބް މޮޅުވީ 35 ލަނޑު 7 ފޯލިންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ނ.މާފަރު ބަށި ޓީމާ ވާދަކޮށް މާފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ 34 ލަނޑުން މޮޅުވި އިރު، ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ރަންކަނި ޓީމް މެޗު ކާމިޔާބުކުރީ 34 ލަނޑު 5 ފޯލިންނެވެ.

މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ބައިވެރިވެފައިވާ އިރު، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު