ޝުޖާއިއްޔާ އަވަށުގައި ހިންގި ގަތުލުއާންމަށް ބަދަލު ހިފާނަން: ހަމާސް

ޣައްޒާގެ އައްޝުޖާއިއްޔާ އަވަށުގެ މާރުކޭޓަކަށް ހަމަލާދީ އިސްރާއީލު ސިފައިން އިއްޔެ ހިންގާފައިވާ ގަތްލުއާންމާ ގުޅިގެން އިސްރާއީލު ސިފައިންނާ ދެކޮޅަށް ބަދަލުހިފުމުގެ ޚާއްސަ އޮޕަރޭޝަނެއް ހިންގާނެ ކަމުގެ އިންޒާރު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުން ދީފި އެވެ.

ހަމާސްގެ ތަރުޖަމާން ފަވްޒީ ބަރްހޫމް ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދޭގޮތަށް ހަމާސްގެ މުޖާހިދުންނަށްވެސް އިސްރާއީލުގެ އާންމުންނަށް ހަމަލާދެވިދާނެ ކަމަށާއި ނަމަވެސް އެކަންކުރަން ބޭނުންނުވަނީ ކަމުގައެވެ.

އިސްރާއީލުގެ އާންމު ރައްޔިތުން މެރުމަށް އެ ޖަމާއަތުން ބޭނުންނުވާ ކަމަށާއި ފަލަސްތީނުގެ މުޖާހިދުން ބޭނުންވަނީ އިސްރާއީލުގެ ސިފައިން މަރަން ކަމަށް ވެސް ހަމާސްގެ ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ގަތްލުއާންމުތަކުގައި ބައިވެރިވާ ޔަހޫދީ ސިފައިންނާ ދެކޮޅަށް ބަދަލުހިފާނެ ކަމަށާއި އެމީހުންނަށް ސަލާމަތުން ނޫޅެވޭނެ ކަމަށެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ ކުށެއްނެތް އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅާށް ހިންގާފައިވާ ގަތްލުއާންމުތަކަށް ބަދަލުހިފާނެ ކަމަށާ އިސްރާއީލު ސިފައިންނާ ދެކޮޅަށް އެޖަމާއަތުން ދޭ ހަމަލާތައް ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރުމުގެ ޕްލޭންތަކެއް ރާވަމުންދާ ކަމަށެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުން ބުނީ އިސްރާއީލަށް އިއްޔެ ފޮނުވާލި "ބުރާގް 70" މަރުކާގެ ދެރޮކެޓް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ މެދުތެރޭގެ ހިސާބަކަށް އަރާފައިވާ ކަމަށާއި އެދެރޮކެޓުން ލިބުނު ގެއްލުންތައް އިސްރާއީލުން ސިއްރުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން ހަމަލާތަކުގައި އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި ޣައްޒާގެ މާރުކޭޓަކާއި ޣައްޒާގައި ހުންނަ އދ. ގެ ސްކޫލަކާއި ބައެއް މިސްކިތްތައްވެސް ހިމެނެއެވެ. މިތަންތަނަށާއި ޣައްޒާގެ އެހެންތަންތަނަށް އިސްރާއީލުން އިއްޔެ ޙަމަލާދީ ފަލަސްތީނުގެ 110 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި 200 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ދާއިރާއިން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު