އިސްރާއީލު މީހުން "ހިލޭ" ބޮލީވިއާ އަށް ދިޔުން ހުއްޓުވައިފި

އިސްރާއީލުގެ ރައްޔިތުންނަށް ބޮލިވިއާ އިން ދޭ ހިލޭ ވިސާ ކަނޑާލައި އިސްރާއީލަކީ "ޓެރަރިސްޓް ގައުމެއް" ކަމަށް ބޮލީވިއާއިން ކަނޑައަޅައިފި އެވެ.

ރަޝިޔާ ޓުޑޭ އިން ބުނީ، އިސްރާއީލުގެ ރައްޔިތުންނަށް ހިލޭ ބޮލީވިއާ އަށް ދަތުރުކުރެވޭނެ ގޮތަށް 1972 ވަނަ ހަދާފައިވާ އެ އެއްބަސްވުން އުވާލުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހުގައި ކަމަށެވެ.

"ބޮލީވިއާގެ ރައްޔިތުން ވަނީ އިސްރާއީލުގެ ރައްޔިތުންނަށް ބޮލީވިއާ އަށް ދިޔުމަށް އެންޓްރީ ވިސާ އެއްވެސް ނަގަންނުޖެހި ހިލޭ ބޮލީވިއާ އަށް ވަދެވޭނެ ގޮތަށް އޮގަސްޓް 17، 1972 ވަނަ ދުވަހު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައި،" ބޮލީވިއާގެ ކެބިނެޓުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ.

ބޮލީވިއާގެ ރައީސް އިވޯ މޮރާލަސް ވިދާޅުވިގޮތުގައި އެ އެއްބަސްވުން އުވާލާފައި ވަނީ އިސްރާއީލަކީ ޓެރަރިސްޓް ގައުމަކަށް ވާތީ އެވެ. މޮރާލަސް ވަނީ މިމަހުގެ ތެރޭގައި އިސްރާއީލުން އިންސާނިއްޔަތާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ޔޫއެންގެ ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ބޮލީވިއާއިން ވަނީ ކުރިން އިސްރާއީލުން ޣައްޒާގައި ހިންގާފައިވާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އިސްރާއީލާއި އެކު އޮންނަ ސިޔާސީ ގުޅުން ވެސް 2009 ވަނަ އަހަރު ކަނޑާލާފައެވެ.

އިސްރާއީލާ ދެކޮޅަށް ބޮލީވިއާއިން ބަސް ބުނެފައިވާއިރު، ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކަށް އިސްރާއީލުގެ ސިފައިން އިއްޔެ ދިން ރަހުމުކުޑަ ހަމާލާގައި މަދުވެގެން 19 މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި އެ ހަމަލާއަކީ، "ގަބޫލުކުރަން ދަތި" އަދި "ލަދުކުޑަ" އަމަލެއްގެ ގޮތުގައި ސިފަކުރައްވައި އެކަން އެންމެ ހަރުކަށި އިބާރާތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން ވަނީ ކުށްވެރި ކުރައްވާފަ އެވެ.

އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުން އަންނަތާ ތިން ހަފްތާވެފައި ވާއިރު، ގާތްގަނޑަކަށް 1300އާ ގާތްކުރާ އަދަދަކަށް އާންމު ރައްޔިތުން ޝަހީދުކޮށްލާފައި ވެއެވެ. އަދި 6000އަށް ވުރެ ގިނަ މީހުންނަށް ބޮޑެތި ޒަހަމްތައް ލިބިފައި ވާ އިރު، 140،000އަށް ވުރެ ގިނަ ރައްޔިތުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާންވަނީ މަޖުބޫރުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު