ދަންތުރައެއްގައި ޖައްސައި ޔަހޫދީ ސިފައިންގެ 20 މީހުން މަރާލައިފިން: ހަމާސް

ޣައްޒާ (ޖުލައި 30) : އިސްރާއީލު ސިފައިންގެ ބަޔަކަށް އޮޅުވާލައިގެން ޣައްޒާގެ ފަޅު ދެއިމާރާތަކަށް ވެއްދުމަށްފަހު ދަންތުރައެއްގައި އެމީހުން ޖައްސައި އޭގެތެރެއިން 20 މީހުން މަރާލެވިއްޖެ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ އަސްކަރީ ގޮފިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އެތަން މިތަނަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލު ސިފައިންގެ ބަޔަކު ޣައްޒާގެ އިރުމަތީގައިވާ ޚާން ޔޫނުސްގެ ފަޅު ދެއިމާރާތަކަށް ވެއްދުމަށްފަހު އެދެ އިމާރާތް ގޮއްވާލައިގެން އިސްރާއީލު ސިފައިންގެ ވިއްސަށްވުރެ ގިނަމީހުން އިއްޔެ މަރާލާފައިވާނެ ކަމަށާ މިއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމުގައެވެ.

ހަމާސްގެ މިބަޔާނާ ގުޅިގެން އިސްރާއީލު ސިފައިންވެސްވަނީ ޣައްޒާގެ ދެކުނުގައިވާ އިމާރާތެއްގައި އިސްރާއީލު ސިފައިންގެ ބަޔަކު އަސްކަރީ އޮޕަރޭޝަނެއް ހިންގަން ތިއްބައި އެގޭގައި ދެބޮމެއް ގޮއްވާލުމުގެ ސަބަބުން އިސްރާއީލު ސިފައިންގެ ތިން މީހުން މަރުވެ 27 މީހުން ޒަޚަމްވި ކަމަށް އެއްބަސްވެފައެވެ.

ނަމަވެސް މިއީ ޚާން ޔޫނުސްގެ ދެއިމާރާތުގައި ޙަމާސްއިން އިސްރާއީލު ސިފައިން ދަންތުރައެއްގައި ޖައްސައިގެން ހިންގި ޚާއްސަ އޮޕަރޭޝަންގައި މަރާލި ޔަހޫދީ ސިފައިންކަން ނުވަތަ ނޫންކަން އިސްރާއީލުން ހާމަކޮށްފައެއްނުވެއެވެ. މި ތިން މީހުންގެ އިތުރުން ޣައްޒާގެ ދެކުނުގައިވެސް އިސްރާއީލު ސިފައިންގެ މީހަކު އިއްޔެ މަރާލާފައިވާ ކަމަށް އިސްރާއީލުން ރަސްމީކޮށް އެއްބަސްވެފައިވެއެވެ. މި ހަތަރު މީހުންނާއެކު އިސްރާއީލުންވަނީ ޣައްޒާގެ ހަނގުރާމައިގާ ފަލަސްތީނު މުޖާހިދުންގެ އަތްދަށުން މަރުވި އިސްރާއީލު ސިފައިންގެ އަދަދު 57 އަށް އަރާފައިވާ ކަމަށް ރަސްމީކޮށް އެއްބަސްވެފަ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނެފައިވަނީ އިސްރާއީލު ސިފައިންގެ 120 އަށްވުރެ ގިނަމީހުން ޣައްޒާގައި މަރާލައި 400 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލައި އަދި އިސްރާއީލު ސިފައިންގެ އެކަކު ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ހައްޔަރުކޮށްފައިވާނެ ކަމުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު