އެމެރިކާއިން އިސްރާއީލުގެ ލަޝްކަރުތަކަށް ގިނައަދަދެއްގެ ހަތިޔާރު ފޯރުކޮށްދީފި

ވޮޝިންޓަން (ޖުލައި 30) : އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނަށް ހަމަލާދީ ކޮންމެ ދުވަހަކު އެތަށް ގަތްލުއާންމުތަކެއް ހިންގައި ފަލަސްތީނުގެ ގިނައަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ޝަހީދުކުރަމުން ގެންދާ މިދަނޑިވަޅުގައި އިސްރާއީލަށް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދިން ކަމަށް އެމެރިކާ އިން ބުނެފިއެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާ އިން އިސްރާއީލުގެ ލަޝްކަރުތަކަށް ހަތިޔާރު ފޯރުކޮށްދިނީ "އަމިއްލަ ނަފްސުގެ ދިފާޢުގައި" އިސްރާއީލު ކުރަމުން ގެންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ކަމުގައެވެ. އިސްރާއީލަށް ފޯރުކޮށްދީފައިވަނީ ހަނގުރާމައިގާ ބޭނުންކުރާ އާދައިގެ ހަތިޔާރުތައް ކަމަށާ މިހަތިޔާރުތައް ފޯރުކޮށްދިނީ އިސްރާއީލުގައި ހުންނަ އެމެރިކާގެ ސްޓްރެޓީޖިކް ހަތިޔާރު ގުދަނަކުން މިދިޔަ ހަފްތާގައި ކަމަށްވެސް ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިން ކަމަށް އެއްބަސްވެފައިމިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގަތްލުއާންމު ތަކާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވެސް ކުރެވިފައިވަނިކޮށެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ގަތްލުއާންމުތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ހަރުކަށި ވެރިން ބައިނަލްއަގްވާމީ އަދާލަތަށް ޙާޒިރު ކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުންނާއި މުސްތަގިއްލު ބައެއް ގާނޫނީ ވަކީލުން އަމިއްލަ ގޮތުން ކުރަމުން ގެންދާ މަސައްކަތް ތަކަށް ހުރަސްއަޅާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ.

އަނެއްކޮޅުން ޚުދު އެމެރިކާއަކީވެސް އިރާގާއި އަފްޣާނިސްތާނުގެ ރައްޔިތުން ލައްކައިން މަރައި އެދެގައުމުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމެކެވެ. އެމެރިކާ ސިފައިން އިރާގާއި އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިން ބައިނަލްއަގްވާމީ އިންސާފުގެ މައްޗަށް ޙާޒިރު ކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުސްތަގިއްލު ވަކީލުން ގޮވާލެއްވި ނަމަވެސް އެމެރިކާގެ ބާރާއި ނުފޫޒުގެ ގަދަކަމުން އިންސާފުން ރެކިވަޑައިގަތުމުގެ ފުރްސަތު އެމެރިކާއާއި އިސްރާއީލުގެ ލީޑަރުންނަށް މިހާރުވަނީ ލިބިފައެވެ.

އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަތުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި ޑިމޮކްރެޓިކް ސަރުކާރުތައް އަސްކަރީ އިންގިލާބުތަކުން ވައްޓާލުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ އެމެރިކާއަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ދުނިޔޭގައި އަޑުއުފުލައި ޕްރޮޕަގެންޑާ ކުރަމުން ގެންދާ ގައުމެއްވެސް މެއެވެ. އަދި އެމެރިކާގެ މިޕްރޮޕަގެންޑާގެ ދަލުގައި ދުނިޔޭގެ ގިނަ ބަޔަކު ޖެހިފައިވެސް ވެއެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު