ކާނާއި ބޯފެނަށް އެދި ޣައްޒާ ރޮނީ

އިސްރާއީލްގެ ގަދަފަދަ މިސައިލުތަކުންނާއި ނުރައްކާތެރި ބޮންތަކުން ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަކީ ބޭއިންސާފުން ކުރެވޭ ގަތުލުއާންމެކެވެ. ގެއެއް، ސްކޫލެއް، މިސްކިތެއް ބަލާނުލާ އިޒްރޭލުން ވަނީ ޣައްޒާގައި ހުރި ގިނަ އިމާރާތްތައް ފުނޑުފުނޑުކޮށްލައި ގާފުންޏަކަށް ހަދާލާފަ އެވެ.

އުންމު އަހްމަދު އަބޫ ސަހްވިޝް ހުރީ ބިމާ ހަމަވެފައި އޮތް އިމާރާތެއްގެ ކައިރީގައި އެތަނުން ގާކޮޅެއް އަތައްލައިގެން އެއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނު މަތިން ފެންނަނީ ފެންކަޅިވެފައި ހުރި ދެލޮލާއި ހިތާމައިގެ ކުލަވަރެވެ. ގުޑިވެސް ނުލައި ހުރި އެ އަންހެން މީހާއާ އަލްޖަޒީރާގެ ނޫސްވެރިއެއް ސުވާލުކޮށްލުމުން ބުނީ ސުންނާފަތިވެ ބިމާ ހަމަވެފައި ކައިރީގައި އޮތް އިމާރާތަކީ އޭނާ އުޅޭ ގެ ކަމަށެވެ.

"އަހަރެންގެ ގެއެއް ނެތް. ހަމަ އެކަނި ގާހުރީ މިހާރު،" އުންމު، 65، ބުންޏެވެ.

އިސްރާއީލުގު ސިފައިން ޣައްޒާއަށް ހަމަލާދެނީ ހަމާސް ނައްތާލުމަށޭ އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފަ އެވެ. ނަމަވެސް ހަމަ އެގައުމުގެ ސިފައިން ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅޭ 100 އަށް ވުރެ ގިނަ ގެތަކަށާއި ހޮސްޕިޓާތަކަށާއި ނުކުޅެދޭ ބަލިމީހުން ބަލާ މަރުކަޒަކަށާއި ސްކޫލުތަކެއްގެ އިތުރުން މިސްކިތް ތަކެއް ވެސް ގޮއްވާލާފަ އެވެ. އެފަދަ ތަންތަނަށް އިސްރާއީލުން ހަމަލާދެނީ ހަމާސް ހުއްޓުވުމަށްތޯ ނޫނީ ރައްޔިތުންގެ ހިތްތަކުގައި ބިރު އުފައްދަންތޯ ސުވާލު އުފެދެ އެވެ.

"އިސްރާއީލުގެ އެންމެ މިސައިލަކުން އަހަރެންގެ މުޅި ހަޔާތުގައި ބޭނުން ކުރި އެއްޗިއްސާ ކެއްކުމަށް ބޭނުންކުރާ ސާމާނު ގެއްލިއްޖެ. އަހަރުމެން އަތުގައި ކާނެ އެއްޗެއް، ފެނެއް، ތަންމައްޗެއް ލައިގެން ހުރި ހެދުން ފިޔަވައި އެހެން ހެދުމެއް ވެސް ނެތް. ދެން އަހަރުމެން ދާނީ ކޮންތާކަށް؟،" ބިމާ ހަމަވެފައިވާ އިމާރާތެއް ކައިރި ރޯން އިން އަންހެނަކު ބުންޏެވެ.

ޣައްޒާގެ އުތުރާއި ދެކުނު ގުޅުވާލާފައި އޮންނަނީ ދެ ބޮޑު މަގަކުންނެވެ. އެއީ ބީޗް ރޯޑް އާއި ސަލާދީން ރޯޑް އެވެ. އެ ދެމަގަށް ވެސް ވަނީ އިޒްރޭލުންގެ މިސައިލު ހަމަލާތަކުން ގެއްލުންވެ ދުއްވާ އެއްޗެހި ފަސޭހައިން ދުއްވުމަށް ހުރަސްއެޅިފައެވެ.

ޣައްޒާގެ އަވަށެއް ކަމަށްވާ ދެއިރް އެލް ބަލާހުގައި ހުންނަ އަލް އަޤްސާ ހޮސްޕިޓަލަށް ވެސް ވަނީ އިސްރާއީލުގެ މިސައިލުތަކުގެ ނިޝާނާއަކަށްވެފަ އެވެ. އެހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރާއި ރޭޑިއޮލޮޖީ ބައި އެއްކޮށް ވަނީ ސުންނާފަތިކޮށްލާފަ އެވެ. ޖުލައި 21 ދިން މިސައިލު ހަމަލާގައި އެހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ފަސް މީހަކު ވަނީ މަރުވެފައިވާ އިރު 70 އަށް ވުރެ ގިނަ މީހުނަށް ވަނީ އަނިޔާވެފަ އެވެ.
ޣައްޒާ ސީޓީގެ އިރުމަތީގައި އޮންނަ އަވަށެއް ކަމަށްވާ ޝުޖާޔާގައި ބިމާ ހަމަވެފައިވާ އިމާރާތްތަކެއް ---

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ޣައްޒާ ސިޓީއަށެވެ. ޣައްޒާގެ ސިޓީގެ އިރުމަތީގައި އޮންނަ އަވަށެއް ކަމަށްވާ ޝުޖާޔާ އޮތީ އިންސާނުންނަށް އުޅެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެއަވަށުގެ ކަރަންޓު ކޭބަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ބުރި ބުރިވެ ހަލާކުވެފަ އެވެ. މަގު މަތިން ފެންނަނީ އަނދާ ކަޅުވެފައި ހުރި ކާރުތަކެވެ. އެއަވަށުން ބޭރުގައި އަލް ވެހްދާގެ ނަމުން އޮންނަ މަގެއްގައި އޮތީ މީހުން ފުނިޖެހިފަ އެވެ.

އެމީހުން އެއްވެފައި ތިބީ އެމަގަކީ މައި މަގަކަށް ވުމާއި އެކު ގިނަ އަދަދެއްގެ ފިހާރަ ހުންނާތީވެ އެވެ. މީހުންތައް ފިހާރަތަކުގެ ތެރެއަށް ވަދެ އަވަސްވެގަންނަނީ ގިނަ ދުވަހު ރައްކާކޮށް ބެހެއްޓޭނެ ފަދަ ކާނާގެ އިތުރުން ބޯފެން ހޯދުމަށެވެ. ފިހާރަތައް ކައިރީގައި ހުރި ތަރުކާރީ ވިއްކާ މީހާ ވަށާލައި މީހުން ތިބީ ހުސްވުމުގެ ކުރިން އަތު ޖެހުނު އެއްޗެއް ގަތުމަށެވެ. ޖެހިގެން އިން ބޭކަރީގައި މަދުވެގެން 300 މީހުން ޕާން ހޯދުމަށް ކިއުއެއްގައި ތިއްބެވެ.

ކާނާ އާއި ބޯފެން ފަދަ ތަކެތި ހުރުމަކީ ކޮންމެ މީހެއްގެ ވެސް އިންސާނީ ހައްގެކެވެ. ނަމަވެސް ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް މިއަދު ވަނީ އެހައްގު ވެސް ނުލިބިފަ އެވެ. ޖުލައި 21، ގައި އިޒްރޭލުން ޝުޖާޔާ އަށް ދިން މިސައިލު ހަމަލާއެއްގައި މަދުވެގެން 120 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފަ އެވެ.

"އަހަރެންނަށް 45 އަހަރު ވެއްޖެ ނަމަވެސް މިހާ ބޮޑު ގެއްލުމެއްވެފައި އޮތް ތަނެއް ދުވަހަކުވެސް ނުފެނޭ،" އެއަވަށުގައި ދިރިއުޅުނު މީހަކު އަލްޖަޒީރާ އަށް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު