ލެޓިން އެމެރިކާގެ ގައުމުތަކުގެ ފިޔަވަޅުތަކާ އެކު އިސްރާއީލުގެ ވެރިން ރަތަށް

ޓެލްއަވީވް (ޖުލައި 30) : އިސްރާއީލުން ޣައްޒާގެ މާރުކޭޓްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށާއި މިސްކިތްތައް ފަދަ ތަންތަނަށް ޙަމަލާދީ ފަލަސްތީނުގެ އާންމުން ގަސްދުގައި މަރަމުން ގެންދާތީ އިސްރާއީލާ އެކު ބާއްވާ ގުޅުންތައް ކުޑަކޮށް އިސްރާއީލުގައި ބައިތިއްބާ ސަފީރުން އަނބުރައި ގައުމަށް ގެންދިޔުމަށް ލެޓިން އެމެރިކާގެ ތިން ގައުމަކުން ނިންމުމުން އިސްރާއީލު ރުޅިގަދަވެއްޖެ އެވެ.

ލެޓިން އެމެރިކާގެ ތިން ގައުމު ކަމަށްވާ ޗިލީ، އެލްސެލްވަޑޯ އަދި ޕެރޫ ގެ ސަރުކާރުތަކުން މިގޮތަށް ނިންމުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތިން ގައުމުން އެތާއީދުކުރަނީ ޙަމާސް ޖަމާއަތުގެ "ޓެރަރިޒަމް"ގެ އަމަލުތަކަށް ކަމުގަ އެވެ. އަދި ފަލަސްތީނުގެ "ޓެރަރިޒަމަށް" ހިއްވަރުދޭ ކަމުގެ ތުހުމަތު ވެސް މިފަސްގައުމުގެ މައްޗަށް އިސްރާއީލުގެ ޚާރިޖިއްޔާ އިން ވަނީ ކޮށްފަ އެވެ.

އިސްރާއީލުން ބުނަމުން ގެންދަނީ ޣައްޒާގެ މާރުކޭޓްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލް ތަކަށާއި އާންމުންގެ ގެދޮރަށާ އަދި މިސްކިތްތައް ފަދަ ތަންތަނަށް ޙަމަލާދީ ފަލަސްތީނުގެ އާންމުން ޑަޒަން ޑަޒަނަށް މަރަމުން ގެންދަނީ ޙަމާސް ޖަމާއަތުގެ "ޓެރަރިޒަމް"ގެ އަމަލުތައް ހުއްޓުވުމަށާއި ހަމާސް އިން ދޭ ރޮކެޓް ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމުގަ އެވެ. ނަމަވެސް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިންގެ މިވާހަކަތައް ދުނިޔޭގެ ގިނަ ގައުުމުތަކުން މިހާރު ގަބޫލެއް ނުކުރެ އެވެ. އަދި ޔަހޫދީ ޒަޔަނިސްޓް ލޮބީގެ ޕްރޮޕަގެންޑާގައި ޖެހި މަގުއޮޅިފައިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންގެ ހިތްތަކާއި ސިކުނޑިތައް ވެސް އިސްރާއީލުން ޣައްޒާގައި ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ހިންގަމުން ގެންދާ ގަތްލުއާންމުތަކުގެ ސަބަބުން މިހާރުވަނީ އިސްރާއީލާ ދެކޮަޅަށް ބަދަލުވާން ފަށާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޒަޔަނިސްޓު އިސްރާއީލުގެ މިޕްރޮޕަގެންޑާ ރޫޅިގެން ދާކަމުގެ އެންމެ ބޮޑު ހެއްކަކީ ހުޅަނގުގެ މަޝްހޫރު ފަންނާނުންގެ ގިނަ ބަޔަކު އިސްރާއީލު ދެކެ ނަފްރަތުވާކަން ފާޅުގައި ބުނަމުން ގެންދިޔުމާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ ޔޫރަޕްގެ އާންމުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެގެން ދިޔުމެވެ. އަދި އިސްރާއީލުގެ ޕްރޮޕަގެންޑާ ތައް ހުޅަނގުގެ މީޑިޔަ އިން ކިތަންމެ ވަރަކަށް ފެތުރިނަމަވެސް ހުޅަނގުގެ ގައުމުތަކުގެ ޒުވާންޖީލުގެ ހިތްތައް އިސްރާއީލާ ދެކޮޅަށް ބަދަލުވާން ފަށާފައިވާކަން ދާދިފަހުން ޔޫރަޕްގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭއަކުން ވަނީ ހާމަވެފަ އެވެ.

ލެޓިން އެމެރިކާގެ ތިންގައުމު ކަމަށްވާ ޗިލީ، އެލްސެލްވަޑޯރ އަދި ޕެރޫ އިން އިއްޔެ ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ މަދަނީ ތަންތަނަށް ޙަމަލާދީ ފަލަސްތީނުގެ އާންމުން މަރަމުން ގެންދިޔުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާ އަދި މިފަދަ އަމަލުތަކާ ދެކޮޅަށް އިސްރާއީލުން ދައްކާ ބަހަނާތަކަކީ ވެސް ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ. އިސްރާއީލުގެ މިޖަރީމަތަކާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުތަކުން އިސްރާއީލާއެކު ބާއްވާ ގުޅުންތަކުގެ ލެވެލް ދަށްކޮށް ސަފީރު އިސްރާއީލުން ބޭލުމަށް ނިންމާފައިވާ ކަމަށާ މިހަފްތާ ތެރޭގައި ސަފީރުން އަނބުރައި ގެންނާނެ ކަމަށް މިތިން ގައުމުގެ ޚާރިޖީ ވުޒާރާތަކުން އިއްޔެ ނެރުނު ބަޔާންތަކުގައި ބުނެފައިވެ އެވެ.

ޗިލީ، އެލްސެލްވަޑޯރ އަދި ޕެރޫ އިތުރުން ބްރަޒީލް އާއި އިކުއެޑޯއިން ވެސް ވަނީ އިސްރާއީލުން ޣައްޒާއަށް ޙަމަލާދީ ފަލަސްތީނުގެ އާންމު ރައްޔިތުން ގަސްދުގައި މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާތީ އެދެގައުމުގެ ސަފީރުން ވެސް މިދިޔަ ހަފްތާގައި އިސްރާއީލުން ބާލާފަ އެވެ. ލެޓިން އެމެރިކާގެ އެހެން ދެގައުމު ކަމަށްވާ ވެނެޒުއެލާއާއި ބޮލީވިޔާއިން ވަނީ އިސްރާއީލަކީ ޓެރަރިސްޓް ގައުމެއް ކަމަށް ސިފަކުރުމަށް ފަހު 2009 ވަނަ އަހަރު އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުންތައްވެސް ކަނޑާލާފަ އެވެ. ލެޓިން އެމެރިކާގެ ގައުމުތަކުން އިސްރާއީލާ ދެކޮޅަށް އެޅި މިފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުޖްތަމައުގައި އިސްރާއީލު ކުރިޔަށްވުރެ ވެސް ބޮޑަށް އެކަހެރިވެގެންދާނެ ކަމަށްރިޕޯޓްތައްބުނެ އެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުން އިސްރާއީލާ ދެކޮޅަށް މިފިޔަވަޅުތައް އެޅިނަމަވެސް އަރަބި ގައުމުތަކުގެ ތެރެއިން އިސްރާއީލާއެކު ގުޅުން ގާއިމް ކޮށްފައިވާ ހަަމައެކަނި ދެގައުމު ކަމަށްވާ މިސްރާއި އުރުދުން އިން އިސްރާއީލާ ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅެއްވެސް އަޅާފައެއް ނުވެ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު