ކޭޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެލްޕީ ސްޕޯޓްސް ކްލަބު ހޯދައިފި

ރާއްޖެ ޓީވީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ކޭޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެލްޕީ ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެލްޕީ ސްޕޯޓްސް ކުލަބު ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެފްސީ ވައިފައި އަތުން 5-0 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގައި އެލްޕީ ސްޕޯޓްސް ކުލަބަށް މުހައްމަދު އިމްރާން ހެޓްރިކެއް ކާމިޔާބުކޮށްދިން އިރު، އަހްމަދު ސުހައިލް އަދި އިބްރާހީމް ސުހައިލް، މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކުރި އެވެ.

ފައިނަލު މެޗަށް ފަހު މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށާއި ރަނަރަޕް އަދި ފެއާ ޕްލޭ ޓީމަށް ވަނީ މެޑަލް އާއި ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ. އެ ފަރާތްތަކަށް މެޑެލް އާއި ފައިސާގެ އިނާމުތައް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް އާއި ރާއްޖެ ޓީވީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސަލީމް އާއި އެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އަލީ ސުޒޭނެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފްކޮށްގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމް އެލްޕީ ސްޕޯޓްސް ކްލަބަށް ރާއްޖެ ޓީވީގެ ފަރާތުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕް ޓީމް އެފްސީ ވައިފައިއަށް ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 33 ޓީމު ބައިވެރިވެފައިވާ އިރު، މި މުބާރާތް ކުޅުނީ ދާ ޖަހައިގެން ބަންދުކޮށްފައިވާ ތަނެއްގެ ތެރޭގައި ކޮންމެ ޓީމެއްގައި ތިން ކުޅުންތެރިން ހިމަނައިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު