ޝަހީދުކޮށްލި މާބަނޑު މިހާގެ ބަނޑުން ސަލާމަތްކުރި ކުއްޖާ ނިޔާވެއްޖެ

ޣައްޒާގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނަށް ބެލުމެއް ނެތި އިސްރާއީލުން ދެމުންގެންދާ ރަހުމުކުޑަ ހަމަލާތަކުގައި ޝަހީދުކޮށްލި މާބަނޑު އަންހެނެއްގެ ބަނޑުން ސަލަމާތްކުރި ކުއްޖާ ނިޔާވެއްޖެ އެވެ.

ބޭރުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މަންމަގެ ފުރާނަ ނެތް ހަށިގަނޑުން އިމަޖެންސީ ސިޒޭރިއަންއެއް ހެދުމަށް ފަހު ސަލާމަތްކުރި އެ ކުއްޖާ ނިޔާވެފައިވަނީ، ސަލާމަތްކުރުމަށްފަހު އިންކިއުބޭޓަރެއްގެ އެހީގައި ފަސް ދުވަހު އޮތުމަށްފަހު އެ އިންކިއުބޭޓަރުގެ ކަރަންޓް ދިއުމުންނެވެ.

އިންކިއުބޭޓަރުގެ ކަރަންޓް ކެޑިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ކަރަންޓު ދިނުމަށް ހުރި ހަމައެކަނި އިންޖީނުގެއަށް ޔަހޫދީ ސިފައިން ވައިގެ މަގުން ބޮން އަޅައި، އެތަން ހަލާކުކޮށްލުމުން އެކުއްޖާ އޮތް ހޮސްޕިޓަލަށް ކަރަންޓް ނުލިބިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އދ.އިން ބުނެފައިވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ 70 ޕަސެންޓް މީހުންނަކީ އާންމު ރައްޔިތުން ކަމަށެވެ.

އެގޮތުން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އިސްރާއީލުގެ ރަހުމުކުޑަ އެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 1300އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 7300 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު