ޣައްޒާގެ ސްކޫލަށް ދިން ހަމަލާއަކީ "ލަދުކުޑަ" އަމަލެއް: ބަންކީ މޫން

ޔުނައިޓެޑް ނޭޝަންސް (30 ޖުލައި) - ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކަށް އިސްރާއީލުގެ ސިފައިން ދިން ރަހުމުކުޑަ ހަމާލާގައި މަދުވެގެން 19 މީހުން ޝަހީދުވެފައި ވާއިރު، އެ ހަމަލާއަކީ، "ގަބޫލުކުރަން ދަތި" އަދި "ލަދުކުޑަ" އަމަލެއްގެ ގޮތުގައި ސިފަކުރައްވައި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން ވިދާޅުވެއްޖެ އެވެ.

"ނިދާފައި ދިބި ކުޑަ ކުދިންތަކަކަށް ހަމަލާދީ މަރާލުމަށް ވުރެ ލަދުވެތި އަމަލެއް ނުވާނެ،" ކޮސްޓަ ރިކާގެ ސެން ޖޯސްއަށް ވަޑައިގަތުމަށް ފަހު ބަން ވިދާޅުވި އެވެ. "އަހަރެން އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން."

އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާރަދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ޣައްޒާގެ އެ ސްކޫލަށް ހަމަލާދީފައި ވާއިރު، އަންގާރަ ދުވަހާއެކު ޖުމުލަ 17 ފަހަރެއްގެ މަތިން އެ ސްކޫލު ހުރި ތަނުގެ "ކޯޑިނޭޓް"ތައް އދ. އިން ޔަހޫދީ އަސްކަރިއްޔާއަށް ދީފައި ވާނޭ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ޣައްޒާގެ އަލް ޖަބަލިއްޔާ ރެފިއުޖީ ކޭމްޕުގައި ހުންނަ އދ.ގެ އަންހެން ކުދިންގެ ސްކުލުގައި 3000އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން ދާއިރު، ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ހުންނަވައިގެން ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޖޭން އެލިއަސަން ވަނީ، 17އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި އަދި 100އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި، އިސްރާއީލުގެ ރަހުމުކުޑަ އެ ހަމަލާއަކީ "ބިރުވެރިކަމާއި ސިހުން" ގެނުވި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އދ.ގެ ޑިރެކްޓަރު އޮފް ހިއުމަނިޓޭރިއަން އޮޕަރޭޝަންސް ޖޯން ގިން ވިދާޅުވީ، އިސްރާއީލުގެ މި ހަމަލާއަކީ، ޖުލައި 8 ވަނަ ދުވަހު ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ޣައްޒާގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުންއަންނަ އދ.ގެ ސްކޫލްތަކަށް އަމާޒުކޮށް ދިން ފަސް ވަނަ ހަމަލާ ކަމަށެވެ.

ބަންކީ މޫން ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުން އަންނަތާ ތިން ހަފްތާވެފައި ވާއިރު، ގާތްގަނޑަކަށް 1300އާ ގާތްކުރާ އަދަދަކަށް އާންމު ރައްޔިތުން ޝަހީދުކޮށްލާފައި ވާ ކަމަށާއި، 6000އަށް ވުރެ ގިނަ މީހުންނަށް ބޮޑެތި ޒަހަމްތައް ލިބިފައި ވާ އިރު، 140،000އަށް ވުރެ ގިނަ ރައްޔިތުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން މަޖުބޫރުވެފައި ވާ ކަމަށެވެ.

ބަން ކީ-މޫންއާއި އެލިއަސަންއާ ދެބޭފުޅުން ވެސް ވަނީ، އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދުންނަށް ހަނގުރާމަ ވަގުތުން ހުއްޓާލައި ދެފަރާތުން ވެސް ސުލްހަވެރި ހައްލެއް ހޯދުމަށް މަސްކަތްކުރުމަށް ގޮވާލައްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު