އީދު ޝޯ ބަލަން ދިޔަ ބަޔަކު ތޮއްޖެހި 33 މީހުން މަރުވެއްޖެ

ކޮނޭކްރީ (30 ޖުލައި) - އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީގެ ވެރިރަށް ކޮނޭކްރީގެ ބީޗެއްގައި ފިތުރު އީދު ފާހަގަކުރުމަށް ބޭއްވި "ރެޕް ކޮންސެޓް"އެއް ބަލަން އެއްވި ގިނަ ބަޔަކު ފިތި ބާރުވެ ތޮއްޖެހިގެން ހިނގި ހާދިސާއެއްގައި 33 މީހުން މަރުވެއްޖެ އެވެ.

އޭޕީގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގީ ކޮނޭކްރީގެ އުތުރުގެ އަވަށެއް ކަމަށްވާ ރަތޮމާގެ ބީޗެއްގައި އެގައުމުގެ މަޝްހޫރު ރެޕް މިއުޒިކް ގްރޫޕް "އިންސްޓިންކްޓް ކިލާސް" އާއި އަދިވެސް އިތުރު ބޭންޑުތައް ގުޅިގެން ބޭއްވި ކޮންސެޓް ނިންމާލުމަށްފަހު ގިނަ ބަޔަކު އެއްފަހަރާ ކުޑަ ގޭޓަކުން ނުކުންނަން ދިމާކުރުމުގެ ސަބަބުން ކަމަށެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އޭޕީގައި ވަނީ، ގާތްގަނޑަކަށް 700 ވަރަކަށް މީހުން އެއްވި އެ ހަފްލާ ނިންމާލުމަށް ފަހު ކުޑަކުޑަ ގޭޓަކުން ގިނަ ބަޔަކު އެއްފަހަރާ ނުކުންނަން ދިމާކުރި ވަގުތު، ބައެއް މީހުން ބިންމައްޗަށް ވެއްޓި، އެމީހުންގެ ގައިމައްޗަށް އަނެއްބަޔަކަށް އެރި، މުޅި ހިސާބުގަނޑުގައި އެވަގުތު ބިރުވެރިކަމެއް ފެތުރިގެން ދިޔަ ކަމަށެވެ. އަދި މަރުވެފައި ވަނީ، މީހުންގެ ފައިދަށުވެ އަނިޔާލިބުނު މީހުންނާއި ކުޑަކުދީން ކަމަށް ވެސް އޭނާ ބުންޏެވެ.

ގިނީގެ ހޮސްޕިޓަލެއްގެ އޮފިޝަލުންނާ ހަވާލާދީ އޭޕީގައި ބުނެފައި ވަނީ، އެ ހާދިސާގައި މަރުވެފައިވާ 33 މީހުންގެ ތެރޭގައި 11 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި މަރުވި ކުދިންގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުދިން ވެސް ހިމެނޭ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

"މިހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ މަރުވެގެން ގެނެސްފައި ވާ މަންޒަރު އަހަރެމެން ނުދެކެން. މިއީ ވަރަށް ހިތްދަތި ހާދިސާއެއް، މިހާ ޅައުމުރުގެ ކުދިންތަކެއް އެއްފަހަރާ މަރުވެގެން ގޮސްފައި މިވަނީ، އެކުދިންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްވަރުގައި،" މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަޅުލުމަށްޓަކައި ބަހައްޓާފައިވާ ޑޮންކާ ހޮސްޕިޓަލުގެ މުވައްޒަފަކު އޭޕީއަށް ކިޔައި ދިނެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވައި ދެއްވި ތަގުރީރެއްގައި ގިނީގެ ރައީސް އަލްފާ ކޮންޑޭ ވަނީ، އެހާދިސާއާ ގުޅިގެން ގައުމީ ހިތާމައިގެ ހަފްތާއެއް އިއުލާނު ކުރައްވައިފަ އެވެ.

"ކަމާބެހޭ ފަރާތްތަކަށް ރައީސް ގޮވާލައްފައި ވަނީ، މިފަދަ ހިތާމަވެރި އިތުރު ހާދިސާއެއް މި ގައުމުގައި މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް،" ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި ތަހުގީގު ކުރުމަށް ގޮވާލައި، ގިނީގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު