ގުރައިދޫ ނަރުދަމާ މައްސަލަ ޖެހި ދެ ގެއަކަށް ނަޖިސް ބޭރުވަނީ

ކ. ގުރައިދޫ ނަރުދަމާގެ މައްސަލައެއް ދިމާވެގެން ދެ ގެއަކަށް ނަޖިސް ބޭރުވަމުންދާ ކަމަށް އެ ރަށު ބަކަޔު ބުނެފި އެވެ.

ގުރައިދޫ ކައުންސިލް މެމްބަރު އަލީ ޝަމީމް މިއަދު ސަން އަށް ވިދާޅުވީ މީގެ ދެދުވަސް ކުރިން ފެށިގެން އެ ރަށު ދެ ގެއެއްގެ ފާހާނާގެ ފެންހިންދާ ތަނަކުން ނަޖިސް ބޭރުވަމުން އަންނާތީ އެ ދެގޭ ފާހާނާ ބޭނުން ނުކުރެވޭ ކަމަށެވެ.

"މިރަށުގެ ނަރުދަމާ މިއިންނަނީ ފެންތައް އެކަނި ކަނޑަށް ފޮނުވާލާ ގޮތަށް، ދެން ނަޖިސް ބައި މިހުންނަނީ ކޮންމެ ގެއެއްގައި ހަދާފައި ހުންނަ ޓޭންކެއްގެ ތެރޭގައި. އެދެގެއަށް ވެގެން މިއުޅެނީ ޓޭންކް ފުރުމުގެ މައްސަލައެއް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެ ޓޭންކް ފުރުމުގެ ސަބަބުން ކަންކުރާ އުސޫލަކީ "ބައުޒަރެއް" މެދުވެރިކޮށް އެ ޓޭންކްތައް ހިއްކުން ކަމަށާއި ނަމަވެސް އެ ރަށުގައި ބޭނުންކުރާ ބައުޒަރު މިހާރު ވަނީ ހަލާކުވެފައި ކަމަށެވެ. ޝަމީމް ވިދާޅުވީ އެ ދެގޭގެ ނަރުދަމާ އަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރެވޭނެ ކަމަށް ބެލެވެނީ މާދަމާ ކަމަށެވެ.

އެދެ ގޭގެ ތެރެއިން އެއްގެއިގެ މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ ފާހާނާ އަށް ނަޖިސް ބޭރުވާތީ މުޅި ފާހާނާ ނަޖިހުން ފުރިފައިވާ ކަމަށެވެ. އެގޮތުން އެގޭ ފާހާނާ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ކަމަށް ބުންޏެވެ.

ކައުންސިލާ ޝަމީމް ވިދާޅުވީ އެރަށުގެ ނަރުދަމާގައި ތަފާތު މައްސަލަތަކެއް އުޅޭ ކަމަށެވެ. އެގޮތުން އެނަރުދަމާގެ ޕަންޕު މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު