ހަމަލާތައް މެދުކަނޑާލި ކަމަށް ބުނެފައި ވަނިކޮށް 17 މީހުން ޝަހީދުކޮށްލައިފި

ހަމަލާތައް މެދުކަނޑާލާނެ ކަމަށް އިސްރާއީލުން ބުނެފައި ވަނިކޮށް، ޣައްޒާގެ އަވަށެއް ކަމުގައިވާ ސުޖައްޔާގެ މާރުކޭޓަކަށް ވައިގެ މަގުން ދިން ހަމަލާއެއްގައި 17 މީހުން ޝަހީދުކޮށްލައިފި އެވެ.

އަލްޖަޒީރާ އިން ބުނީ، "އިންސާނިޔަތަށް ޓަކައި" ހަމަލާތައް ހަތަރު ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން މިއަދު ބުނެފައި ވަނިިކޮށް، ދިން އެ ހަމަލާގައި 200 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި އެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވުން ގާތްކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

"ވޭތުވެ ދިޔަ ދެ ގަޑިއިރު ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުކޮށްލާފައި. ހަމަލާތައް މެދުކަނޑާލާނެ ކަމަށް ބުނި ބަހުގެ ބޭނުމެއް ނެތް. އެއްވެސް ކަމެއް ބަދަލެއް ނުވޭ. މިއަދު އެކަނިވެސް ގާތްގަނޑަކަށް 100 މީހުން ވަނީ ޝަހީދުކޮށްލާފައި،" ޣައްޒާގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުންޏެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ތަރުޖަމާން އަޝްރަފް އަލް ކިދްރީ ވިދާޅުވީ، ޔަހޫދީ އިސްރާއީލުގެ މިސައިލްތައް ދީފައި ވަނީ ޢައްޒާގެ އިރު މައްޗަށް އޮންނަ ސުޖައްޔާގެ މާރުކޭޓަކަށް ކަމަށެވެ. އަދި ހަމަލާތައް ދީފައި ވަނީ އިސްރާއީލުން ދެމުންދާ ހަމަލާތައް މެދުކަނޑާލާނެ ކަމަށް ބުނުމުން، ގިނަ ބަޔަކު އެއްޗެހި ގަންނަން ނުކުމެ އުޅުނު ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާން އަލްޖަޒީރާއަށް ވިދާޅުވީ، ސުޖައްޔާގެ މާރުކޭޓަކަށް ހަމަލާދިން ކަމުގެ ރިޕޯޓްތައް ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، އިސްރާއީލުން މިއަދު ހަމަލާތައް މެދުކަނޑާލާނެ ކަމަށް ބުނި ސަރަހައްދުތަކުގައި ސުޖައްޔާ ނުހިމެނޭ ކަމަށެވެ.

އިސްރާއީލުން މިފަހަރު ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގައި، މިދިޔަ ހަފްތާ ތެރޭގައި ސުޖައްޔާ އަށް ވަނީ ވަރުގަދަ ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފަ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމު "އިންސާނިއްޔަތަށް ޓަކައި" މިއަދު ހަތަރު ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް ބުނި އިރު، ފަލަސްތީނުގެ ޣައްޒާގައި ޔުނައިޓެޑްނޭޝަންސް (ޔޫއެން) އިން ހިންގަމުން އަންނަ ސްކޫލަކަށް އިސްރާއީލުގެ ޓޭންކްތަކުން ވަނީ މިއަދު ހަމަލަދީ 15 މީހުން ޝަހީދުކޮށްލާފަ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، ޔަހޫދީ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު ވަނީ 1300 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 7300 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު