"ހެލްޕް ގާޒާ" ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި

ދިވެހި މީޑީއާގެ ފަރާތްތަައް ގުޅިގެން ބާއްވާ "ހެލްޕް ގާޒާ" ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު، ސިޔާސީ ޕާޓީތަކާއި، ކުލަބް ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރި ކުންފުނިތަކަށް އާންމުކޮށް ހުޅުވާލައިފި އެވެ.

އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާ ތަކުގެ ސަބަބުން ހާލުގައި ޖެހެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމަށް އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އިން ފެށިގެން 33 ގަޑިއިރާއި 30 މިނިޓަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހެލްޕްގާޒާ" ޓެލެތޯނަކީ ރާއްޖޭގެ މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ.

ހެލްޕްގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ މީޑީއާ ކޯޑިނޭޓަރު، އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، މި ޓެލެތޯންގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލީ، ފަލަސްތީނުގައި ދިރިއުޅޭ މުސްލިމް އަހުންނާއި އުހުތުންގެ ތެރެއިން، ޒަޔަނިސްޓް އިސްރާއީލުން ދެމުން ގެންދާ އުދުވާނީ އަދި ލާއިންސާނީ ހަމަލާތަކުގައި ނިކަމެތިކަންލިބި ހާލުގައި ޖެހެމުންދާ ފަރާތްރަކަށް އެހީގެ އަތެއް ފޯރުކޮށްދޭން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް އެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ވީހާވެސް ގިނަ ސިޔާސީ ޕާޓީތަކާއި ކްލަބު ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރި ކުންފުނިތަކުންވެސް ބައިވެރިވެ، މިޓެލެތޯނަކީ ކާމިޔާބު ޓެލެތޯނަކަށް ހައްދަވައި، ފަލަސްތީނުގައި ދިރިއުޅޭ ގެދޮރުން މަހުރޫމްވެފައިވާ އަދި ހައިހޫނުކަމާއި ހަނގުރާމައިގައި ޒަހަމުވެފައިވާ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް އެހީތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށް،" ހިރިގާ ވިދާޅުވި އެވެ.

ދިވެހި މީޑީއާއިން މިފަދަ ކަމަކަށް އިސްނެގީ، މީޑީއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކަަށް އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ އަމަލުތައް އަންގައިދީ އަދި މެދުވެރިއެއްގެ ބައި އަދާކުރުމަށް މަސައްކަތް ކުރެވިދާނެ އެއްފަރާތަކީ މީޑިއާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް "ހެލްޕްގާޒާ" ޓެލެތޯން އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.

"ހެލްޕްގާޒާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓެލެތޯންގެ ހޭޝް ޓެގެއްގެ ގޮތުގައި ބޭނުން ކުރާނީ، HelpGazaMv# އެެވެ. އަދި ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރާނީ "މަވެސް އެހީވާނަން" އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު