އިންސާނިޔަތަށްޓަކައި ކަމަށް ބުނެ، ހަތަރު ގަޑިއިރަށް ހަމަލާތަށް ހުއްޓާލައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހަތަރު ގަޑިއިރަށް މެދުކަނޑާލުމަށް އިސްރާއީލު އަސްކަރިއްޔާއިން ނިންމައިފި އެވެ.

ހަމަލާތައް ހުއްޓާލީ ރާއްޖެ ގަޑިން މިއަދު ހަވީރު 5:00 އިން ފެށިގެން ހަތަރު ގަޑިއިރަށެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ ޣައްޒާގެ ވަކި ހިސާބުތަކަށް ހަމަލާދިނުން އިސްރާއިލުން މެދުކަނޑާލީ، "އިންސާނިއްޔަތަށްޓަކައި" ކަމަށެވެ.

އިސްރާއީލުގެ މި ނިންމުމުގެ ރައްދުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމު "އިންސާނިއްޔަތަށްޓަކައި" މެދުކަނޑާލަން ނިންމާފައިވާއިރު، ފަލަސްތީނުގެ ޣައްޒާގައި ޔުނައިޓެޑްނޭޝަންސް (ޔޫއެން) އިން ހިންގަމުން އަންނަ ސްކޫލަކަށް އިސްރާއީލުގެ ޓޭންކްތަކުން މިއަދު ހަމަލަދީ 15 މީހުން ވަނީ ޝަހީދުކޮށްލައިފި އެވެ. މީގެ ކުރިން ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި ހުރި ޔޫއެން ގެ ދެ ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފަ އެވެ.

އޭޕީ އިން ބުނީ އިސްރާއީލުން ދިން އެ ހަމަލާގައި މަރުވި އެންމެންނަކީ ވެސް ހިމާޔަތް ހޯދުމަށް ރެފިއުޖީންގެ ގޮތުގައި އެތަނަށް ވަދެ ތިބި ފަލަސްތީނުގެ އާއްމު ރައްޔިތުން ކަމަށެވެ. އަދި އެ ހަމަލާތަކުގައި 90 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ޣައްޒާގައި ހުންނަ ޔޫއެންގެ ސްކޫލްތަކަށް އިސްރާއީލުގެ މިފަހަރުގެ އުދުވާނުގައި ހަތަރު ފަހަރު ވަނީ ހަމަލާދީފަ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަށް ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެމީހުންގެ އުދުވާނުގައި މިހާތަނަށް ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު ވަނީ 1178 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 6800 އަށް ވުރެ މައްޗަށް އަރާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު