ރަށުން ބޭރު ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ގަވާއިދު ތަންދޭ: ގެމަނަފުށީ ސްޕޯޓްސް ކްލަބު

ގއ. ގެމަނަފުށީގައި މިހާރު ކުރިއަށްދާ އެސްޓިއޯ ނޫފަހި ޖީއެސްސީ ފުޓްސަލް ޓޯނަމެންޓް މުބާރާތާއި ބެހޭ ގޮތުން ގއ. ކަނޑުހުޅުދޫ ޓީމުން ހުށަހަޅާފައިވާ މައްސަލައާއި ބެހޭ ގޮތުން ގެމަނަފުށީ ސްޕޯޓްސް ކްލަބްގެ ޓޯނަމެންޓް ކޮމިޓީން ބައްދަލުވުމެއް ބާއްވާ ރަށުން ބޭރު ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު މުބާރާތުގެ ގަވާއިދު ތަންދޭ ކަމަށް ގެމަނަފުށީ ސްޕޯޓްސް ކްލަބްގެ ކޮމިޓީން ނިންމައިފި އެވެ.

ގއ. ގެމަނަފުށީ ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތް ހުއްޓުވުމުގެ އަމުރެއް އެއަތޮޅު ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނީ މުބާރާތުގައި ބައިވެރިވާ އެރަށު ޓީމުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ކޯޓު އަމުރުގައި ބުނެފައި ވަނީ ކޮނޑޭ ޓީމްގައި އެރަށުގެ ރަށްވެއްސަކަށް ނުވާ މީހަކު ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިކޮށްފައިވާ ކަމަށާއި އެއީ އެ މުބާރާތުގެ ގަވާއިދާ ޚިލާފު ކަމެއްކަން ހުށަހެޅިފައިވާ ޑޮކިއުމެންޓްތަކުން ސާބިތުވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ގެމަނަފުށީ ސްޕޯޓްސް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަނޑުހުޅުދޫ ސްޕޯޓްސް ކުލަބުން ހުށަހަޅާފައިވާ ޝަކުވާ ފޯމުން ލިބުނު މައުލޫމާތުތަކާއި، އަދި އެ މުބާރާތުގެ ގަވާއިދަށް ބެލުމުން ކޮނޑޭ ޓީމުން ގަވާއިދާ ޚިލާފު އެއްވެސް ކުޅުންތެރިއަކު ހިމަނާފައިނެތްކަން ޝައްކެތްނެތް މިންވަރަށް އެ ކްލަބުގެ ކޮމެޓީ އަށް ސާބިތުވާކަމަށެވެ. އެހެންކަމުން ރަށުން ބޭރު ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު މުބާރާތުގެ ގަވައިދުން ތަންދޭ ކަމަށް ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ކަނޑުހުޅުދޫ ސްޕޯޓްސް ކްލަބުން އެރަށު ކޯޓަށް މައްސަލަ ހުށަހެޅީ ގއ. ކޮނޑޭ ޓީމަށް އެ ރަށުން ބޭރު ކުޅުންތެރިއަކު ކުޅޭތީ އެ ކުޅުންތެރިއާ އަށް ނުކުޅެވޭނެ ގޮތް ހެދުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"...މި މުބާރާތް ކުޅެމުންދަނީ ގެމަނަފުށީގައި ނަމަވެސް ކަނޑުހުޅުދޫ ކުޅުންތެރިން ޓޯނަމެންޓް ކޮމިޓީން މި މައްސަލަ ބަލަމުން ދަނިކޮށް ވަނީ ރޭގެ ދޭއް ޖަހާ އެހާކަންހާއިރު ކަނޑުހުޅުދޫ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ ކޯޓުން ވަނީ ދާދި އަވަހަށް ކޯޓު އަމުރެއް ނެރެ ރޭ ފަތިހު ހަތަރެއް ޖަހުމުގެ ކުރިން ކޮނޑޭ ޓީމްގެ ޓީމް ލިސްޓާއި ކުޅުންތެރިންގެ އައިޑީ ކާޑު ހޯދަން ފުލުހުންގެ މައްޗަށް ކޮށްފައެވެ. އަދި ފުލުހުން މިލިޔުންތައް ބޭނުންވާކަމަށް ބުނުމުން މި ކްލަބުން ވަނީ އެއީ ފަތިހުގެ ވަގުތު ކަމުގައި ވީނަމަވެސް އެދެނު ލިޔުންތައް ގެމަނަފުށީ ޕޮލިސްސްޓޭޝަނާއި ހަވާލުކޮށްފައެވެ. އޭގެ ފަހުން ފަތިހުގެ ވަގުތެއްގައި ކޯޓުގެ ދެވަނަ އަމުރެއްނެރެ ކޮނޑޭ ޓީމަށް ކުޅޭ ރަށުން ބޭރު ކުޅުންތެރިޔާ ޓީމުން ވަކިނުކޮށްފިނަމަ މުބާރާތް ހުއްޓުވައިދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއްކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ކަނޑުހުޅުދޫ ޓީމް މައްސަލަ ހުށަހަޅާފައިވަނީ ކޮނޑޭ ޓީމާއި އެއްކޮށް ކުޅުނު މެޗް 4-1ން ބަލިވުމަށްފަހުގައެވެ." ގެމަނަފުށީ ސްޕޯޓްސް ކްލަބުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނާ ގޮތުގައި، މުބާރާތުގެ ގަވާއިދުގެ މާއްދާ 5.1 ގައި ބަޔާންވެގެންވަނީ ރަށްރަށުން އަންނަ ޓީމްތަކުގެ ކުޅުންތެރިން ވާންވާނީ އެރަށަކަށް ނިސްބަތްވާ ކުޅުންތެރިން ކަމަށާއި އެ މާއްދާ އަށް އިސްތިސްނާ ގެނެވޭ ހާލަތު ބަޔާންކުރެވިފައިވަނީ މާއްދާ 6.3 ގައި ކަމަށެވެ.

".... މާއްދާ 6.3 ގައި ބަޔާންވެފައި ވަނީ ޓީމް ލިސްޓްގައި ހިމެނޭ 10 ކުޅުންތެރިންގެ ތެރޭގައި އެރަށެއްގެ އެމުއައްސަސާއަކަށް ނިސްބަތްނުވާ 5 ކުޅުންތެރިން ޖެހިދާނެއެވެ. ނަމަވެސް ޓީމް ލިސްޓްގައި ޖެހޭނީ ރަށުން ބޭރު 4 ކުޅުންތެރިންނަށެވެ. މި 4 ކުޅުންތެރިންގެ ތެރެއިން އެއްފަހަރާ ދަނޑުތެރޭގައި ކުޅެވޭނީ 2 ކުޅުންތެރިންނަށެވެ. މެޗް ކުޅެމުންދާއިރު މިކުޅުންތެރިން އެއްކުޅުންތެރިން އަނެއް ކުޅުންތެރިންނަށް ބަދަލުކުރުމަކީ ހުއްދަ ކަމެކެވެ. ދަނޑުތެރޭގައި އެއްފަހަރާ ކުޅެވޭނީ ރަށުން ބޭރު 2 ކުޅުންތެރިއަކަށެވެ." އެ ބަޔާނުގައި ބުނެ އެވެ.

"...އެ މާއްދާގައި ސަރީހަ އިބާރާތުން ބުނެދެވިފައިވަނީ ޓީމްތަކުގެ ލިސްޓްގައި އެރަށެއްގެ އެމުއައްސަސާއެއްގެ ނިސްބަތްނުވާ 5 ކުޅުންތެރިން ޖެހިދާނެކަމުގަ އެވެ. އަދި ޓީމްލިސްޓުގައި ގިނަވެގެން ޖެހޭނީ ރަށުން ބޭރު 4 ކުޅުންތެރިންނަށް ކަމުގައެވެ. ވުމާއެކު، މާއްދާ 6.3 އެޑްރެސް ކުރެވިފައި އެވަނީ ހުރިހާ ރަށެއްގެ އެންމެހައި މުއައްސަސާތަކަށެވެ. މިކަން ސާފުވަނީ އެމާއްދާގައިވާ "އެރަށެއްގެ އެމުއައްސަސާއެއްގެ" މިއިބާރާތުންނެވެ. އެހެންކަމުން މި މުބާރާތުގައި ރަށުން ބޭރު ކުޅުންތެރިންނަށް ކުޅެވޭނެ ކަމާއި ދޭތެރޭ އެއްވެސް ޝައްކެތް ނެތެވެ. އަދި އެހެން އެއްވެސް ކްލަބުން މިކަމާއި ޝައްކެތް ނުވެސް އުފައްދައެވެ."

ފުޓްބޯޅަ އާއި ގުޅޭ މިފަދަ ކަންކަމުގައި ކޯޓުން އަމުރެއް ނުނެރެވޭނެ ކަމަށް މީގެ ކުރިން ހައިކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

އެ މުބާރާތުގައި އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވެސް ކުޅުއްވަ އެވެ. އެ ދެ ބޭފުޅުން ކުޅުއްވަނީ ގެމަނަފުށީގެ ޓީމަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު