ގެމަނަފުށީ ފުޓްސަލް މުބާރާތް ހުއްޓުވުމުގެ އަމުރެއް ކޯޓުން ނެރެފި

ގއ. ގެމަނަފުށީ ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތް ހުއްޓުވުމުގެ އަމުރެއް އެއަތޮޅު ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުއްޓުވައިފި އެވެ.

ކަނޑުހުޅުދޫ ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ މުބާރާތުގައި ބައިވެރިވާ އެރަށު ޓީމުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ކޮނޑޭ ޓީމްގައި އެރަށުގެ ރަށްވެއްސަކަށް ނުވާ މީހަކު ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިކޮށްފައިވާ ކަމަށާއި އެއީ އެ މުބާރާތުގެ ގަވާއިދާ ޚިލާފު ކަމެއްކަން ހުށަހެޅިފައިވާ ޑޮކިއުމެންޓްތަކުން ސާބިތުވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެ ކުޅުންތެރިޔާ އެ ޓީމަށް ކުޅެމުންދިޔުމަކީ މުބާރާތުގައި ބައިވެރިވާ އެހެން ޓީމްތަކުން ހިތްހަމަނުޖެހޭ ކަމެއްކަމަށާއި އެކަމުގެ ސަބަބުން މުބާރާތުގެ މަސްލަހަތު ގެއްލޭނެ ކަމަށެވެ. އެހެންކަމުން އެ ގަވާއިދާ އެއްގޮތަށް އަމަލުނުކޮށްފިނަމަ ކޯޓުން އެ މައްސަލައާ މެދު ގޮތެއް ނިމެންދެން މުބާރާތް ކުރިއަށް ގެންދިޔަ ނުދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ރަށުން ބޭރު ކުޅުންތެރިން މުބާރާތުގައި ބައިވެރި ނުކުރެވޭނެ ކަމަށް އަމުރުގައި އޮތްނަމަވެސް ކޮނޑޭ ޓީމްގެ މެނޭޖަރު އަބްދުﷲ ކިނާނަތު ގާސިމް ބުނީ ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުގެ ހަތަރު ކުޅުންތެރިން ބައިވެރި ކުރެވިދާނެ ކަމަށާއި ނަމަވެސް މެޗެއްގައި ކުޅެވޭނީ ދެ ކުޅުންތެރިންނަށް ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރަނީ ކޮނޑޭގެ ޓީމަކާއި ކަނޑުހުޅުދޫ ޓީމެއްގެ އިތުރުން ގެމަނަފުށީގެ ހަތް ޓީމެވެ.

އެސްޓީއޯ ނޫފަހި ޖީއެސް ފުޓުސަލް ޓޯނަމެންޓުގެ ނަމުގައި ކުރިއަށްދާ އެ މުބާރާތުގައި އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވެސް ކުޅުއްވަ އެވެ. އެ ދެ ބޭފުޅުން ކުޅުއްވަނީ ގެމަނަފުށީގެ ޓީމަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު