ޣައްޒާގައި ޔޫއެން އިން ހިންގާ ސްކޫލަކަށް އިސްރާއީލުން ހަމަލަދީ 15 މީހުން ޝަހީދުކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ޔުނައިޓެޑްނޭޝަންސް ( ޔޫއެން) އިން ހިންގަމުން އަންނަ ސްކޫލަކަށް އިސްރާއީލުގެ ޓޭންކްތަކުން ހަމަލަދީ 15 މީހުން ޝަހީދުކޮށްލައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ އިސްރާއީލުން ދިން އެ ހަމަލާގައި މަރުވި އެންމެންނަކީ ވެސް ހިމާޔަތް ހޯދުމަށް ރެފިއުޖީންގެ ގޮތުގައި އެތަނަށް ވަދެ ތިބި ފަލަސްތީނުގެ އާއްމު ރައްޔިތުން ކަމަށެވެ. އަދި ބުނީ އެ ހަމަލާތަކުގައި 90 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށެވެ.

ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕްގައި ހުރި އެސްކޫލަށް އިސްރާއީލުން ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުން ޔޫއެންއަށް ކަނޑައަޅާފައިވާ މިޝަން އިން ބުނެފައި ވަނީ ޔޫއެންގެ ސްކޫލްތަކުގައި ހަމާސް އިން ރޮކެޓް ފޮރުވައިގެން ގެންގުޅޭ ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް ވޯކް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޣައްޒާގައި ހުންނަ ޔޫއެންގެ ސްކޫލްތަކަށް އިސްރާއީލުގެ މިފަހަރުގެ އުދުވާނުގައި ހަތަރު ފަހަރު ހަމަލާދީފައިވެ އެވެ. ހަނގުރާމައިން ސަލާމަތް ވުމަށް އާއްމުން ވަންނަ އެތަންތަނުގައި ހަމާސްގެ ރޮކެޓްތައް ހުރި ކަމަށް ޔޫއެންއާރްޑަބްލިއުއޭ އިން ތިން ފަހަރެއްގެ މަތިން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު އިސްރާއީލުގެ ހަމަލާގައި ސްކޫލެއްގައި ތިބި އާއްމުންތަކެއް ޝަހީދު ކުރި ފަހުން ޔޫއެންގެ އެ އެޖެންސީން ބުނެފައި ވަނީ ސްކޫލުން ފެނުނު ރޮކެޓްތައް ގެއްލިފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެމީހުންގެ އުދުވާނުގައި މިހާތަނަށް ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު ވަނީ 1178 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 6800 އަށް ވުރެ މައްޗަށް އަރާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު