އެސްޓީއޯ ނޫފަހި ބައިބަލާ މުބާރާތް ފަށައިފި

އެސްޓީއޯ ނޫފަހި ބައިބަލާ މުބާރާތް 1435 ފަށައިފި އެވެ.

ކާނިވާ ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ރޭ ފެށި މި މުބާރާތުގައި ޖުމްލަ 40 ޓީމު ވަނީ ބައިވެރިވެފަ އެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ކުރިއަށްދަނީ ނޮކްއައުޓް އުސޫލުންނެވެ.

މި އަހަރުގެ ބައިބަލާ މުބާރާތް ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. ރޭގެ މެޗު ބައްލަވާލެއްވުމަށްޓަކައި އެސްޓީއޯ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދު ވެސް ވަޑައިގެންނެވި އެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކުރާ މި މުބާރާތުގެ ފެށުމުގެ ގޮތުން އެކުވެރިކަމުގެ މެޗެއް ވަނީ ކުޅެފަ އެވެ. ބައިބަލާ އެސޯސިއޭޝަނުގެ ޓީމާއި އިންވައިޓީސް ބައްދަލުކުރި މެޗު ދެ ޓީމު އެއްވަރުވެގެން ނިމުނު ނަމަވެސް، ގަދަ ހިފުމުގެ ސެޓެއް ކުޅެފައެއް ނުވެއެވެ.

މި މުބާރާތުގެ މެޗުތަކެއް ރޭ ކުޅުނު އިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ މާޒިޔާ އާއި ނަލަހިޔާ ގްރީން ސްޓްރީޓެވެ. އެ މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ނަލަހިޔާ ގްރީން ސްޓްރީޓެވެ. ދެވަނަ މެޗުގައި ޒެފްރޯލް ގޯޅިއާ ވާދަކޮށް، ސީދާ ދެ ސެޓުން ބީޖީ މޮޅުވި އިރު، މަސްއޮޑި ޓައިޓަންސްއާ ވާދަކޮށް ޔޫއެން ފްރެންޑްސް ވަނީ ސީދާ ދެ ސެޓުން މޮޅުވެފަ އެވެ.

މުބާރާތް ކުރިއަށްދިޔަ އިރު، އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އެ ސަރަހައްދުގައި ފަންޑު ފޮއްޓެއް ބަހައްޓާފައި ވެއެވެ. އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ 1000 އަށްވުރެ ގިނަ އާންމު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް އަގުހުރި އިނާމުތަކެއް ދޭން ބައިބަލާ އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ. އެގޮތުން ޗެމްޕިންއަން ޓީމަށް 75،000ރ. އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދޭން ނިންމާފައި ވަނީ 40،000ރ. އިނާމެކެވެ.

މި މުބާރާތުގައި މާދަމާ އަށް މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗު ފަށާނީ މާދަމާ ރޭ 8:30 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު