އުދުވާން ހުއްޓާލެވޭނެ ގޮތެއް ހޯދުމުގައި އެމެރިކާގެ އެހީތެރިކަމަށް އިސްރާއީލު އެދިއްޖެ

ވޮޝިންޓަން (ޖުލައި 30) : ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ އުދުވާނީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގައި އެމެރިކާގެ އެހީތެރިކަމަށް އިސްރާއީލުން އެދިއްޖެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެވެ.

ކެރީ ވިދާޅުވިގޮތުގައި އިސްރާއީލުން މިކަން ހުށަހެޅީ މީގެ ދެދުވަސްކުރިން އޭނާ އިސްރާއީލަށް ކުރެއްވި ދަތުރުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ އެކު ބޭއްވި މަޝްވަރާތަކުގައެވެ. ޔުކްރޭންގެ ޚާރިޖީ ވަޒީރާއެކު ވޮޝިންޓަންގައި ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނެވޭތޯ އެމެރިކާ މަސައްކަތްކުރަމުން ގެންދަނީ އިސްރާއީލުގެ ޝަރުތުތައް އޭގައި ހިމަނައިގެން ކަމުގައެވެ.

މިގޮތުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ އެންމެ މުހިއްމު ޝަރުތެއްގެ ގޮތުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖާމާއަތްތަކުގެ އަތުން ހަތިޔާރު ނިގުޅައިގަތުމުގެ މައްސަލަ ހިމެނުމަށް އެމެރިކާ މަސައްކަތްކުރާނެ ކަމަށް ކެރީ ވިދާޅުވިއެވެ. ޣައްޒާގެ ހަނގުރާމައިގާ އިސްރާއީލުން "ބޮޑެތި ގުރުބާނީ ތަކެއް" ވެފައިވާ ކަމަށާ މި "ގުރްބާނީތައް" ގެއްލިގެންދާފަދަ ގޮތަކަށް އެމެރިކާ މަސައްކަތް ނުކުރާނެ ކަމަށްވެސް ކެރީ ވިދާޅުވިއެވެ.

ކެރީ މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އިސްރާއީލުގެ މަގްސަދްތައް ހާސިލް ކުރެވެންދެން ޣައްޒާގެ ހަނގުރާމަ ކުރިޔަށްގެންދާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަރުކަށިކަން ކުރިޔަށް ނެރުއްވައި ވާހަކަ ދައްކަވާފައިވަނިކޮށެވެ. ޣައްޒާގެ ހަނގުރާމައިން އިސްރާއީލު ހާސިލް ކުރަންބޭނުންވާ މަގްސަދްތަކުގެ ގޮތުގައި ނަތަންޔާހޫ ފާހަގަކުރެއްވި މައިގަނޑު ދެކަމަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނު މުޖާހިދުންގެ ޖާމާއަތްތަކުގެ އަތުން ހަތިޔާރު ނިގުޅައިގަތުމާއި ޙަމާސްއިން ޣައްޒާގެ ބިމުގައި ހަދާފައިވާ ބިންގަރާސްތައް ނައްތާލުން ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޖަމާއަތްތަކުން ވަނީ އެޖަމާއަތްތަކުގެ އަތުން ހަތިޔާރު ނިގުޅައިގަތުމަކީ އިސްރާއީލަށްވެސް އަދި އެމެރިކާއަށް ކުރެވޭނެ ކަމެއްނޫން ކަން ހާމަކޮށްފައެވެ. މިގޮތުން ހަމާސްގެ އަސްކަރީ ގޮފީގެ ޖެނެރަލް ކޮމާންޑަރު މުޙައްމަދު ޟައިފު ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދު ކުރިޔަށް ގެންދާނެ ކަމުގައެވެ. އަދި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލު ދެކެވެސް އަދި އެމެރިކާ ދެކެވެސް ބިރުނުގަންނަ ކަމަށާ އިސްރާއީލުގެ އަނިޔާވެރިކަމުގެ މައްޗަށް މުޖާހިދުންނަށް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ނަސްރު ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް މުހައްމަދު ޟައިފު ވިދާޅުވިއެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު