ބެޑްމިންޓަންގެ ސިންގަލްސް އިވެންޓްތަކުން އަޖުފާނާއި މައިސާ ކަޓައިފި

ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބެންޑްމިންޓަން ސިންގަލްސް އިވެންޓްތަކުގައި ބައިވެރިވި ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ އިސްމާއީލް ވެސް ކަޓައިފި އެވެ.

ކޮމަންވެލްތު ގޭމްސްގައި މިއަދު ކުޅުނު މެޗުން ބަލިވެ، ބެޑްމިންޓަނުގެ ފިރިހެން ސިންގަލްސް އިވެންޓުން އަޖުފާނު ކެޓި އިރު، މައިސާ ވަނީ އަންހެން ސިންގަލްސްގައި ކުޅުނު މެޗުން ބަލިވެ އެ އިވެންޓުން ކަޓައިފަ އެވެ.

ބެޑްމިންޓަންގެ ސިންގަލްސް އިވެންޓުން އަޖުފާނު ކެޓީ ފުރަތަމަ ބުރުގައި ޔުގެންޑާގެ އެޑްވިން އެކިރިންގް އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ. ފުރަތަމަ ސެޓުން 22-20 ޕޮއިންޓުން އަޖުފާނު ބަލިވި އިރު، ދެވަނަ ސެޓުން އޭނާ ބަލިވީ 21-12 ޕޮއިންޓުންނެވެ. ފިރިހެން ސިންގަލްސް އިވެންޓްގެ ފުރަތަމަ ބުރުގައި ޖުމްލަ 64 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.

އަންހެން ސިންގަލްސް އިވެންޓުން މައިސާ ކެޓީ ފުރަތަމަ ބުރުގައި ޖެމެއިކާގެ ރުތު ވިލިއަމްސް އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ. ފުރަތަމަ ސެޓުން 21-16 ޕޮއިންޓުން މައިސާ ބަލިވި އިރު، ދެވަނަ ސެޓުން އޭނާ ބަލިވީ 21-14 ޕޮއިންޓުންނެވެ. މި އިވެންޓްގެ ފުރަތަމަ ބުރުގައި ވާދަކުރީ 64 ކުޅުންތެރިންނެވެ.

އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ތަފާތު ފަސް ކުޅިވަރެއްގައި 51 އެތުލީތުން ބައިވެރިވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު