ހަނގުރާމަ ފެށިފަހުން މިހާތަނަށް އިސްރާއީލުގެ 110 ސިފައިން ވާނީ މަރާލާފައި: ހަމާސް

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށިފަހުން މިވީ ދުވަސް ތެރޭގައި އިސްރާއީލުގެ 110 ސިފައިން މަރާލާފައި ވާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް މިސްރުގެ މަސްރީ އަލްޔައުމް ނޫހުން ބުނީ ބިމުގެ ހަމަލާތައް ފެށިފަހުން މަރުވި 110 މީހުންގެ އިތުރުން އިސްރާއީލުގެ އެތައް ސިފައިންނެއް ޒަހަމްވެސް ވެފައި ވާނެ ކަމަށެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އިއްޔެ ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި އިސްރާއީލުގެ 19 ސިފައިން މަރާލާފައިވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އޭގެ ތެރެއިން 10 މީހުން މަރާލާފައި ވާނީ ޣައްޒާގެ ރަށްބޭރުގައި ތިބި އިސްރާއީލު ސިފައިންގެ ސަފުތަކުގެ ފަހަތުން ދިން ހަމަލާއެއްގައި ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު، އެމީހުންގެ އުދުވާނުގައި މިހާތަނަށް ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު ވަނީ 1178 އަށް އަރާފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 6800އަށް އަރާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު