މިއަދު އެކަނިވެސް ފަލަސްތީނުގެ 100 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިއަދު އެކަނިވެސް މިހާތަނަށް ފަލަސްތީނުގެ 100 މީހަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު، މިހާތަނަށް ޝަހީދުކޮށްލާފައި ވާ މީހުންގެ އަދަދު 1178 އަށް އަރާފައި ވާ ކަމަށެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވެފައި ވާ މީހުންގެ އަދަދު 6800އަށް އަރާކަމަށް ވެސް އެނޫހުގައި ވެއެވެ.

އިސްރާއީލުން މިއަދު އެކަނިވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަަދަ ހަމަލާތަކެއް ދީ، ގިނަ ތަންތަނަކަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. އެގޮތުން ޣައްޒާގެ ރައްޔިތުންނަށް ކަރަންޓު ދިނުމަށް ހުރި ހަމައެކަނި އިންޖީނު ގެއަށް ވެސް ވަނީ ޔަހޫދީ ސިފައިން ވައިގެ މަގުން ބޮން އަޅާފައެވެ.

ކަރަންޓުގެ ހިދުމަތްދޭ ކުންފުނީގެ ތަރުޖަމާން ޖަމާލް ދަރްދަސަވި ބުނީ، ކަރަންޓް ދިނުމަށް ހުރި އިންޖީނުގެއަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ، ޣައްޒާއަށް "އިންސާނީ ބޮޑު މުސީބާތަކާ" ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ހޮސްޕިޓަލްތަކަށާއި ފެނަށް އަސަރުކުރާނެ. ފުރާނަތައް ވަނީ ނުރައްކަލުގެ ތެރޭގައި،" ކުންފުނީގެ ތަރުޖަމާން ވިދާޅުވި އެވެ.

ކަރަންޓް ކުންފުނީގެ ޑިރެކްޓަރު ރާފިގް މަލިހާ އަލްޖަޒީރާއަށް ވިދާޅުވީ، އިންޖީނުގެއަށް އަމާޒުކޮށްގެން ދިން އެ ހަމަލާގައި އިންޖީނުގެ ދެ ޓާބައިން އަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެ އިންޖީނުން އަލުން ކަރަންޓް ދިނުމަށް އަހަރެއް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުން މިއަދު ހަމަލާދިން އިންޖީނު ގެއިން، ޣަައްޒާއަށް ފުލް ކެޕޭސިޓީގައި 80 މެގަވޮޓް ގެ ކަރަންޓް ފޯރުކޮށްދޭއިރު، ހަމަލާ ދިނުމުގެ ކުރިން އެ އިންޖީނުން ކަރަންޓް ފޯރުކޮށްދެނީ 50-60 މެގަވޮޓް އާއި ދެމެދުގައެވެ.

"މިހާރު ފޯރުކޮށްދެމުންދާ ކަރަންޓު ޣައްޒާގެ އެކި ސަރަހައްދުތަކަށް ނުލިބޭނެ. މި ކަރަންޓުން ރަފާ ސިޓީއަށް ވެސް ނުފުދޭނެ. މިއަދު ޣައްޒާ މިއޮތީ ކަރަންޓް ނެތި،" އޭނާ ވިދާޅުވި އެވެ.

ޣައްޒާއަށް ކަރަންޓު ދިނުމަށް އިސްރާއީލާއި މިސްރުން ވެސް ކަރަންޓް ކޭބަލްތައް ގެނެސްފައި ވާއިރު، އިސްރާއީލުން ޣައްޒާއަށް ފޯރުކޮށްދީފައިވާ 10 ކަރަންޓް ކޭބަލްގެ ތެރެއިން އަށް ކޭބަލަކަށް ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ގެއްލުން ލިބިފައެވެ.

ރާފިގް ވިދާޅުވީ، ޣައްޒާގެ އިންޖީނުގެ ބަންދުކުރަން ޖެހުމާއި އަދި އިސްރާއީލުން ފޯރުކޮށްދީފައިވާ ކޭބަލްވެސް ބުރިކޮށްލާފައި ވުމުގެ ސަބަބުން އެ ސިޓީއަށް މިހާރު ކަރަންޓުލިބޭން އޮތް ހަމަ އެކަނި ތަނަކީ މިސްރު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު