ޣައްޒާ ފަންޑަށް އީދު ދުވަހު 400،000 އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ޣައްޒާގެ މުސްލިމުންނަށް އެހީވުމަށް ހުޅުވި ފަންޑަށް އިއްޔެ އެކަނިވެސް 400،000 އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ގާޒާ ފަންޑް މޯލްޑިވްސް އިން ބުނީ، މުސްލިމުން އިއްޔެ ފާހަގަކުރި ބަރަކާތްތެރި ފިތުރު އީދު ދުވަހު މާލެއާ ހުޅުމާލެ އަދި ވިލިމާލޭގައި ބެހެއްޓި ފަންޑު ފޮށިތަކުން ޣައްޒާ ފަންޑަށް 427,687.25 ރުފިޔާ އާއި 808 ޑޮލަރު (12459.36 ރުފިޔާ) ލިބިފައިވާ ކަމަށެވެ.

މާލޭގައި އިއްޔެ އީދު ނަމާދު ކުރި މާފަންނު ޓާފް ދަނޑުގެ އެކި ސަރަހައްދުތަކުގައި ޣައްޒާގައި ހާލުޖެހިފައިވާ ނިކަމެތި ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގޮތުން ފަންޑު ފޮށިތައް ބެހެއްޓިއިރު، ގިނަ ބަޔަކު އެ ފޮށިތަކަށް ފައިސާ ހަދިޔާކުރިކަމަށް ވެސް ގާޒާ ފަންޑް މޯލްޑިވްސްއިން ބުންޏެވެ.

ޣައްޒާ ފަންޑު މޯލްޑިވްސް އިން ބުނީ، މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށް ގެންދަން ރާވާފައިވާ އެ ފަންޑަށް މާލެއިން މިހާތަނަށް، 3,333,318 ރުފިޔާ އާއި 10,882 ޑޮލަރު (167800.44 ރުފިޔާ) ލިބިފައިވާ ކަމަށެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި ވެސް ފަންޑު ފޮށިތައް ބަހައްޓާފައި ވާއިރު، ރަށްރަށުން ފަންޑަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޣައްޒާ ފަންޑު މޯލްޑިވްސް އިން ބުނެއެވެ.

ޣައްޒާ ފަންޑަށް މިހާރު ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން، އެސްއެމްއެސް ފޮނުވައިގެން އެހީތެރިވާ ގޮތަށް ހަމަޖެއްސުމަށް މުވާސަލާތީ ހިދުމަތް ދޭ ނެޓްވޯކްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށްވެސް އެ ފަންޑުން މައުލޫމާތުދެއެވެ.

ޣައްޒާ ފަންޑަށް ލިބޭ ފައިސާ ޣައްޒާގެ ރައްޔިތުންނަށް ގަތަރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އެންމެ ބޭނުންވެފައިވާ ކާނާ އާއި އަނިޔާ ލިބިފައިވާ މީހުންގެ ބޭސްފަރުވާއަށް އެ ފައިސާ ޚަރަދުކުރުމަށް ގަތަރުގެ ރެޑް ކްރެސެންޓްގައި އެދިފައިވެ އެވެ.

އިސްރާއީލުން މިހާރު ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ޖަރީމާތަކުގައި ފަލަސްތީނުގެ 1110 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދި 170،000 އަށްވުރެ ގިނަ ރައްޔިތުން ޣައްޒާ ދޫކޮށް، މިހާރު ދިރިއުޅެން ފަށާފައި ވަނީ އދ.ގެ އެހީދޭ މަރުކަޒުތަކުގަ އެވެ.

ހަމާސް އިން އިސްރާއިލާ ދެކޮޅަށް މިހާތަނަށްދީފައިވާ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 53 މީހަކު ވަނީ މަރާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު