އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ފެސްޓިވަލް ފަށައިފި

އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ ގުޅުން ބަދަހި ކުރުމަށް "އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ފަށައިގެން ކުރިއަށް އެބަ ދެ އެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ އެ ފެސްޓިވަލް އިންތިޒާމް ކުރީ އިންޑިއާ ކްލަބް މޯލްޑިވްސް( އައިސީއެމް) އާއި ފްރެންޑްޝިޕް އެސޯއިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް ( ފޭމް) ގުޅިގެން ކަމަށެވެ.

ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފެސްޓިވަލް ފެށީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އައިސީއެމްގެ ސާކް ކްރިކެޓް ޓޯނަމެންޓް އެދުވަހު ފެށި ކަމަށް ވެސް ބުންޏެވެ.

ފެސްޓިވަލުގައި ހިންގަން ހަމަޖެހިފައިވާ އެއް ހަރަކާތަކީ "އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ވޯކް"ގެ ނަމުގައި އާޓިފިޝަލް ބީޗްގައި ބާއްވާ ހިނގާލުމެކެވެ. އެކަން އޮންނާނީ އަންނަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ހަވީރު 4.00ގަ އެވެ. އަނެއް ކަމަކީ އޮގަސްޓް 12 ވަނަ ދުވަހުގެރޭ 8.00ގައި އޮލިމްޕަސް ތިއޭޓަރުގައި އޮންނަ ކަލްޗަރަލް އިވްނިން އަދި މެޖިކްޝޯ އެވެ.

އަދި އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ "ލެޓްސް ޓޯކް"ގެ ނަމުގައި ދިވެހިންނާއި އިންޑިއާ މީހުން ބައިވެރިވާ ސެމިނާރެއް އޮންނާނެ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް ކުރިއަށް ގެންދަނީ ދެގައުމުގެ ވެސް މިނިވަން ދުވަސް އެފެސްޓިވަލްގެ މުއްދަތުގެ ތެރޭގައި ހިމެނޭ ގޮތަށް ވިސްނައިގެން ކަމަށް ވެސް ހައިކޮމިޝަންގެ ބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު