ޣައްޒާ އަށް އިނގިރޭސި ކްރިކެޓް ކުޅުންތެރިއަކު ތާއީދުކުރުމުން ގޯސްވެއްޖެ

އިންޑިއާ އާ ދެކޮޅަށް ކުޅުނު ކްރިކެޓް ޓެސްޓް މެޗެއްގައި އިނގިރޭސިވިލާތުގެ ކުޅުންތެރިޔާ މޮއީން އަލީ، ޣައްޒާ އަށް ތާއީދުކުރާކަން ދައްކުވައިދޭ އަތުކުރީ ބޭންޑްއެއް ބޭނުންކުރި މައްސަލަ ފެންމަތި ވެއްޖެ އެވެ.

އިއްޔެ އިނޑިއާއާ ދެކޮޅަށް އިނގިރޭސިން ކުޅުނު ތިން ވަނަ ޓެސްޓް މެޗުގައި މޮއީން ބޭނުންކުރި ޓެސްޓް މެޗުގައި އޭނާ އަޅައިގެން ހުރި ބޭންޑްގައި ލިޔެފައި ވަނީ "ސޭވް ގާޒާ" އަދި "ފްރީ ފަލަސްތީނު" އެވެ.

އެސޯސިއޭޓް ޕްރެސް (އޭޕީ) އަށް އިންގްލެންޑް އެންޑް ވޭލްސް ކްރިކެޓް ބޯޑް (އީސީބީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މެޗަށް ކުޅެން އެރުނީ އެ ބޭންޑް އަޅައިގެންކަން މޮއީންއަށް ނޭނގޭ ކަަމަށެވެ.

އުމުރުން 27 އަހަރު މޮއީން އަށް އީސީބީން އަދަބެއް ނުދިން ނަމަވެސް ކްރިކެޓްގެ މައި އިދާރާ، އިންޓަނޭޝަނަލް ކްރިކެޓް ބޯޑް (އައިސީސީ)އިން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އައިސީސީގެ ގަވާއިދުގައިވާ ގޮތުން ބައިނަލްއަގުވާމީ މެޗަކަށް އަރާ އިރު، އެއްވެސް ކުޅުންތެރިއެއް ބޭނުންކުރާ ހެދުމެއް ނުވަތަ އެއްޗެއްގައި ސިޔާސީ، ދީން ނުވަތަ ނަސްލު ދައްކުވައިދޭ ލިޔުންތައް ބޭނުމެއް ނުކުރެވޭނެ އެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ވެސް ޣައްޒާ އަށް ތާއީދުކުރުމުގެ ގޮތުން އެތުލީޓަކު ވަނީ އޭނާ ބޭނުންކުރި އަންގީގައި "ސޭވް ގާޒާ" ޖަހައިފަ އެވެ. މެލޭޝިއާގެ އެ އެތުލީޓު ޝުއޫރު ފާޅުކުރުމުގެ ގޮތުން އެކަން ކުރުމުން މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.

ތިން ހަފްތާ ވަންދެން ހުއްޓުމެއް ނެތި އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 1000 އަށްވުރެ ގިނަ ފަލަސްތީނުގެ އާންމު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު