މާރްސް ކޮރޯނާ ވައިރަސް އަށް ސަމާލުވުމަށް ހެލްތުން ގޮވާލައިފި

ރޯދަމަހު އުމްރާއަށް ދިޔަ މީހުން އެނބުރި އަންނަމުން ދާއިރު މާރްސް ކޮރޯނާ ވައިރަސް އަށް ސަމާލުވުމަށް ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ގޮވާލައިފި އެވެ.

ސައުދީ އަރަބިއްޔާގައި ފެތުރި، އެވައިރަހެއްގެ ސަބަބުން އެތައް ބަޔަކު މަރުވެފައިވާ ކޮރޯނާ ވައިރަސް އަށް ސަމާލުވުމަށް އެޖެންސީން ގޮވާލާފައި ވަނީ މިއަދު ނެރުނު ހެލްތު އެލާޓެއްގަ އެވެ.

"މެދުއިރުމަތިން ރިޕޯޓްކުރަމުންދާ މާރސް ކޮރޯނާ ވައިރަސް ރޯގާއިން ރައްކާތެރިވުމަށް، ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ އުމްރާވެރިންނާއި އެބޭފުޅުންގެ އާއިލާތަކަށް މި އެޖެންސީން އިލްތިމާސް ކުރަމެވެ. ކޮރޯނާ ވައިރަސް އަކީ ހަލުވިކަމާ އެކު ފެތުރޭ ވައިރަސް އަކަށް ނުވި ނަމަވެސް މިވައިރަސް އިން ޖެހޭ ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ،" ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލިއުމުގައިވެ އެވެ.

ކޮރޯނާ ވައިރަސް އިން ޖެހޭ ބަލީގެ އަލާމާތްތަކަކީ ހުންއައުމާއި ކެއްސުމާއި ހުން އަންނަތާ ތިން ދުވަހުގެ ތެރޭގައި ނޭވާ ކުރުވެ، ނޭވާ ލާން އުނދަގޫ ވުމެވެ.

ރޯގާ އަށް ސަމާލުވުމާއި ރައްކާތެރިވުމުގެ ގޮތުން ކުރަންވީ ކަންތައްތަކެއް ލިއުމުގައި ފާހަގަކޮށްފައިވެ އެވެ. އެއީ ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ މީހުން ގިނައިން އުޅޭ ތަންތަނަށް ނުދިއުމާއި ކެއްސައި ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވައި ކުރުމާއި ސައިބޯނި ނުވަތަ އަންދޮންނަ ޑިޓަޖެންޓެއް ލައިގެން ގިނައިން ރަނގަޅަށް އަތްދޮވުމެވެ.

އުމްރާއަށް ފަހު އެނބުރި އައިމީހުންގެ ތެރެއިން މީހަކަށް އޭގެ ފަހުން 14 ދުވަހުގެ ތެރޭގައި ހުމާ އެކު ކެއްސުން ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ކަމަކަށް ފަރުވާ ކުރާ ނަމަ އުމްރާއަށް ދިޔަ ކަމުގެ މައުލޫމާތު ޑޮކްޓަރާ ހިއްސާކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މާރްސް ކޮރޯނާ ވައިރަސް އަކީ މެދުއިރުމަތީގެ ގައުމުތަކުގައި ފެތުފިފައިވާ ވައިރަހެކެވެ. ޖަމަލުގެ ހަށިގަނޑުން އެވައިރަސް ފެނިފައި ވާތީ އެ ބައްޔަކީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ނަގުލުވާ ވައިރަހެއް ކަމަށް ވަނީ ބެލެވިފަ އެވެ.

ސައުދީ އަރަބިއްޔާގެ 721 މީހަކަށް މިހާތަނަށް މާރްސް ކޮރޯނާ ވައިރަސްގެ ރޯގާ ޖެހިފައި ވާއިރު އެރޯގާގައި 295 މީހުން ވަނީ މަރުވެފަ އެވެ. އަދި އެގައުމުގައި މިހާރުވެސް އެރޯގާ ޖެހިފައިވާ 39 މީހަކަށް އަންނަނީ ފަރުވާ ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު