ހަމާސްގެ ޓީވީ އާއި ރޭޑިއޯ ހުންނަ އިމާރާތަކަށް އިސްރާއީލުން ހަމަލާތަކެއްދީފި

ޒަޔަނިސްޓް އިސްރާއީލުން ޣައްޒާ އަށް ރޭ ދިން ވަރުގަދަ ހަމަލާތަކެއްގައި ހަމާސްގެ ޓީވީ އާއި ރޭޑިއޯ ހުންނަ މީޑިއާ އިމާރާތަށް ގެއްލުންތަކެއް ދީފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައި ވަނީ، ރޭ ފަތިހު އިސްރާއީލުން ދިން ހަމަލާތަކުގައި ޢައްޒާގެ މެދުތެރޭގައި ހުންނަ ހަމާސްގެ ހަބަރުތައް ގެނެސްދޭ އަލް އަގްސާ ޓީވީ އާއި އަލް އަގްސާ ރޭޑިއޯ ހުންނަ އަލް ޝަރޫކް މީޑިއާ އިމާރާތަށް ހަމަލާދީފައިވާ ކަމަށެވެ. އެ އިމާރާތަކީ ގިނަ އަރަބި ޓީވީ ޗެނަލްތައް ވެސް ހުންނަ އިމާރާތް ކަމަށް އޭޕީގައި ބުނެފައިވެ އެވެ.

ހަމާސް އިން ބުނެފައި ވަނީ، އެ ހަމަލާތަކަށް ފަހު ވެސް އަލް އަގްސާ ޓީވީ އިން ބްރޯޑްކާސްޓު ކުރަމުންދާ އިރު، ރޭޑިއޯ ސްޓޭޝަން ހުއްޓިފައިވާ ކަމަށެވެ.

ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި މީޑިއާ އިމާރާތެއްގެ އިތުރުން، ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ އިސްމާއިލް އަބްދުލްސަލާމް އަހުމަދު ހަނިއްޔާގެ ގެ ކޮޅަށާއި ފަލަސްތީން ސަރުކާރުގެ އޮފީސްތައް ހުންނަ އަބޫ ކަދްރާ ގަވާމަންޓް ކޮމްޕްލެކްސް އިމާރާތަކަށް ވެސް ވަނީ ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ހަނިއްޔާގެ ގެކޮޅަށް އިސްރާއީލުން ދިން ހަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބިފައިއެއް ނުވެ އެވެ. ނަމަވެސް އެކަމުގެ ރައްދުދީ ހަނިއްޔާ ބުނެފައި ވަނީ، އިމާރާތްތަކަށްދޭ ހަމަލާތަކުގެ ސަބަބުން ހަމާސް ޖަމާއަތުގެ އަޒުމަކަށް ގުޑުމެއް ނާރާނެ ކަމަށެވެ.

"އެހެން މީހުންގެ ގެތަކަށް ވުރެ އަހަރެންގެ ގެ މުހިއްމެއް ނޫން. ގާތަކެއް ހަލާކުކޮށްލިއަކަށް އަޒުމެއް ނުގުޑާނެ،" ހަނިއްޔާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިސްރާއީލުން ރޭ ޣައްޒާ އަށް ހަމަލާތަކެއް ދީފައިވާ އިރު، ދިގު ދެމިގެންދާނެ އުދުވާނަކަށް އިސްރާއީލުން ތައްޔާރަށް އޮންނަން ޖެހޭ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިއްޔެ ވިދާޅުވެ، އިންޒާރުދީފަ އެވެ.

"އަހަރެމެންގެ ރައްޔިތުންނާއި ކުޑަކުދިން މަރާ ކަމުގެ އަޑީގައިވާ ހަމާސްގެ ޖަމާއަތްތަކުގެ ބިންގަރާސްތައް އެއްކޮށް ނައްތާލެވެންދެން، އަހަރެމެން މި މިޝަންއެއް ނުނިންމާނަން. މި އޮޕަރޭޝަނެއް ނުނިންމާނަން،" ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.

އެ އިންޒާރާއި އެކު އިސްރާއީލުގެ ސިފައިން ވަނީ، ޕަލަސްތީން ރައްޔިތުން އެންމެ ގިނައިން ދިރިއުޅެމުން އަންނަ ސުޖައްޔާ އާއިި ޒެއިތުން އާއި ޖަބަލިޔާ ގެ އިތުރުން ބެއިތް ލަހިޔާ އާއި ބެއިތް ހަނޫންގެ ރައްޔިތުން ޣައްޒާގެ މެދުތެރެއަށް ދިއުމަށް އަންގާފަ އެވެ.

އިސްރާއީލުން ރޭ ޣައްޒާއަށް ހަމަލާތަކެއް ދީފައިވާ އިރު، އިއްޔެ ވެސް އިސްރާއީލުން ވަނީ ޣައްޒާގައި ކުޑަކުދިިން ކުޅެން ތިބި ޕާކަކަށް ހަމަލާއެއްދީ ނުވަ ކުއްޖަކު ޝަހީދުކޮށްލާފައިވާ އިރު، ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލަށް ވެސް ވަނީ ހަމަލާދީފަ އެވެ.

އޭގެ ރައްދުގައި، ޣައްޒާގެ އިރުމަތީގައިވާ އިސްރާއީލުގެ އަޝްކޫލް ސަރަހައްދުގައި އެއްވެގެންތިބި އިސްރާއީލު ސިފައިންގެ ބައެއްގެ ތެރެއަށް ފަލަސްތީނުގެ މުޖާހިދުން ބޮޑުބަޑިން ދިން ވަރުގަދަ ޙަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ 10 މީހަކު ވަނީ މަރާލާފަ އެވެ.

އިސްރާއީލުން މިހާރު ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ޖަރީމާތަކުގައި ފަލަސްތީނުގެ 1110 މީހުން ޝަހީދުކޮށްލާފައިވާ އިރު، 170،000 އަށްވުރެ ގިނަ ރައްޔިތުން ޣައްޒާ ދޫކޮށް، މިހާރު ދިރިއުޅެން ފަށާފައި ވަނީ އދ.ގެ އެހީދޭ މަރުކަޒުތަކުގަ އެވެ.

ހަމާސް އިން އިސްރާއިލާއި ދެކޮޅަށް މިހާތަނަށްދީފައިވާ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 53 މީހަކު ވަނީ މަރާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު