ކާށިދޫ ދާއިރާ ގްރުއާން މުބާރާތުގެ އެއް ވަނަ ދަރިވަރަށް އުމުރާ ދަތުރެއް

މި އަހަރުގެ ރޯދަ މަހު ފައިސަލް ފައުންޑޭޝަނުން ބޭއްވި ކާށިދޫ ދާއިރާގެ ގްރުއާން މުބާރާތުން އެއްވަނަ ދަރިވަރަށް އުމުރާ ދަތުރެއް ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިސްނަންގަވައިގެން ބޭއްވި ގްރުއާން މުބާރާތުން އެއްވަނަ ހޯދާފައި ވަނީ ކ. ކާށިދޫ، އާބަހާރުގެ މުހައްމަދު ޒާއިން އަޝްރަފު އެވެ. އުމުރުން 9 އަހަރުގެ ޒާއިން މުޅި މުބާރާތުން އެއްވަނަ ހޯދާފައިވާ އިރު އޭނާ ވަނީ އެ މުބާރާތުގައި ނުވަ އަހަރުން ދަށުގެ ނުބަލާ ކިއުމުގެ ބައިން އެއްވަނަ ހޯދައިފަ އެވެ.

ކާށިދޫ ދާއިރާގެ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މި މަހުގެ 26 ވަނަ ދުވަހު ކާށިދޫގައި ބޭއްވި ރަސްމިޔާތުގައި މުބާރާތުން އެއް ވަނަ އަށް ދިޔަ ދަރިވަރަށް އުމުރާ ދަތުރު ހަވާލުކޮށްދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.
ކާށިދޫ ދާއިރާ ގުރުއާން މުބާރާތުގެ ބައިވެރިން -- ފޮޓޯ/ ފައިސަލް ފައުންޑޭޝަން

ހަ އުމުރު ފުރައަކަށް ބަހާލައިގެން ބޭއްވި އެ މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ވެސް އެއް ވަނަ ހޯދި ދަރިވަރުނަށް ވަނީ އިންޑިޔާގެ ދެ ކޮޅު ޓިކެޓް ދީފަ އެވެ. އަދި މުޅި މުބާރާތުގެ ދެވަނަ ދަރިވަރަށް 5000 ރުފިޔާގެ ހަދިޔާ ދީފައިވާ އިރު މުޅި މުބާރާތުގެ ތިން ވަނަ ދަރިވަރަށް ސޮނީހާޑްވެއާ އިން ވަނީ 5000 ރުފިޔާގެ ވައުޗަރެއް ދީފަ އެވެ.

ކާށިދޫ ދާއިރާގައި ހިމެނޭ ކާށިދޫ އާއި ގާފަރަށް ހުޅުވާލައިގެން މި މަހުގެ 6 ން 7 އަށް ބޭއްވި އެ މުބާރާތުގައި ގާފަރުން 75 ދަރިވަރުން އަދި ކާށިދޫ އިން 61 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ އެނާ ކާށިދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނަވާ ކަމުގައިވާ ނަމަ ކޮންމެ އަހަރަކު ވެސް އެ ދާއިރާގައި ގްރުއާން މުބާރާތް ބާއްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު