މާފަރު ރައްޔިތުންގެ ހިތުގައި މުޅިންވެސް ކިނބޫ!

ނ. މާފަރު، ކެނދިވަރުގޭ، މޫސާ ހަސަން، 55، އަކީ ދޯންޏެއްގެ ވެރިއެކެވެ. އާދައިގެ މަތިން މިއަދު ހެނދުނު 10:15 ހާކަންހާ އިރު އޭނާ ދޯންޏަށް ދާން ދިޔައީ ދޯނި ސާފްކޮށްލުމުގެ ބޭނުމުގަ އެވެ. ދޯންޏަށް އަރަން ގެންގުޅޭ ކަނދުގައި މޫސަ ދޯންޔާއި ހިސާބަށް ދިޔަތަކާއި މޫސަ އަށް ފެނުނު މަންޒަރަކުން މުޅި މީހާ ތުރުތުރުއަޅަންފެށި އެވެ. އެއާ އެކު އޭނާ އަވަސްވެގަތީ އަވަހަށް އެއްގަމަށް ދިއުމަށެވެ.

"އަޅުގަނޑަށް ފެނުނީ ކިނބުލެއް. އޭތި އޮތީ މޫދުތެރޭގައި. ހީވަނީބޯ ހިތްލާލައިގެން އަޅުގަނޑާ ދިމާލަށް އަންނަން އުޅޭހެން. އެހެންވެ އަވަހަށް އެއްގަމަށް އެރީ،" މޫސަ މިއަދު ސަން އަށް އެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

"އަޅުގަނޑަށް ނޭނގުނު ބިރުން ހުރެވުނު ތަނެއްވެސް. މުޅި މީހާ ތުރުތުރު އަޅަން ފެށި. އަޅުގަނޑު ދޯންޏަށް ގެންދިޔަ ވަޅި އާއި ވާތައް ވެސް ނޭންގެ ލެވުނުތަނެއް ވެސް."

މޫސަ އަވަސްވެގަތީ އަވަހަށް އެއްގަމަށް ދިއުމަށެވެ. އެއްގަމަށް ދެވުމާ އެކު ދުވަމުން ފުމެމުން ކަހަލަ ގޮތަކަށް އޭނާ ރަށު ތެރެއަށް އެރި އެވެ. އަދި ރަށު ތެރެއަށް އަރަމުން ދިޔަ އިރު އޭނާ ދިޔައީ ފެންނަ ކޮންމެ މީހެއް ކައިރި "ކިނބޫ ފެނިއްޖެ" ކަމަށް ބުނެ ގޮވަމުންނެވެ.

"މާގިނައިރެއްނުވެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެއްޖެ އަޅުގަނޑު ހުރި ސަރަހައްދަށް. އެންމެން ވެސް ތިބީ ވަރަށް ބިރުން. ދެން އަޅުގަނޑު އެ އެންމެންނަށް ވެސް ކިޔައިދިނިން އަޅުގަނޑަށް ފެނުނު ކިނބޫގެ ވާހަކަ،" މޫސަ ބުންޏެވެ.

މޫސަގެ ވާހަކައާ އެކު މުޅި ރަށުގައި އިތުރު ބިރުވެރިކަމެއް އުފެދިގެން ދިޔަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ކިނބޫ ބެލުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އަނެއް ބަޔަކު ވަނީ އެކިނބޫ ފެންނަ ހިސާބަށް ނުގޮސް "ފިލުމަށް" ލަފާ އަރުވާފަ އެވެ. ކޮންމެއަކަށް އެކަމަށް ބޮޑެތި މަޝްވަރާތަކެއް ރަށުގެ ރައްޔިތުން މެދުގައި ހިނގި އެވެ.

މާގިނައިރުތަކެއް ނުވެ އެ ސަރަހައްދުގައި ތިބި ބަޔަކު އެކިނބޫ ބެލުމަށާއި އެކިނބޫ އެމީހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އިސްނެގި އެވެ. އެއާއެކު އޭގެ ތެރެއިން ގުރޫޕެއް މޫސަ އަށް ކިނބޫ ފެނުނު ސަރަހައްދަށް ދިޔަ އެވެ. އަދި އޭގެ ތެރެއިން ޒުވާނުން ތަކެއް "ބިރުކަނޑާލާފައި" މޫދަށް އެރުނެވެ.

މޫސަ އެބުނި ސަރަހައްދަށް ދިޔަ އިރު މޫދުގެ ތެރެއިން ފާޑެއްގެ އެއްޗެއް އެޒުވާނުންނަށް ވެސް ފެނުނެވެ. އޭތި ފެންނަނީ އެއްވެސް ހަރަކާތެއް ނުކޮށް އޮތްތަނެވެ. އެއާއެކު އެޒުވާނުން މޫދަށް ފީނަގަނެއް އެކިނބޫ ނަގަށް މަސައްކަތް ކުރި އެވެ. އަދި މޫސަ އަށް ފެނުނު ކިނބޫ ނަގައި ގޮނޑުދޮށަށް އެއްވެ ތިބި އެރަސު ރައްޔިތުންނަށް މޫސައަށް ފެނުނު ކިނބޫ ދައްކާލި އެވެ. އެއާއެކު އެއްވެ ތިބި މީހުން ހޭން ފެށި އެވެ. އާއެކެވެ. މޫސަ އަށް ފެނުނީ ކިނބުލެއްގެ ސިފައިގައި މޫދުގައި އޮޔާދިޔަ ފަން ގަނޑެކެވެ.

"އަޅުގަނޑު ދޯންޏަށް ދިޔައިރު ވެސް ހުރީ ވަރަށް ބިރުން، އަބަދުވެސް ހިތުގައި އޮންނަނީ ކިނބޫ. އެހެންވެ ފެނުނު އެއްޗެއްހެން ހީވަނީ އެއީ،" މޫސަ ބުންޏެވެ.

މޫސަ ބުނި ގޮތުގައި އޭނާ ކިނބޫ ފެނިދާނެ ބިރުވެރިކަން އަބަދުވެސް ހިތުގައި އޮންނަ ކަމަށެވެ. ސަބަބުތަކެއް ވެސްވެ އެވެ. މީގެ ތިން ދުވަސް ކުރިން އޭނާ އަށް ވަނީ ކިނބުލުގެ ފިޔަވަޅުތަތައް ފެނިފަ އެވެ. އެފިޔަވަޅުތައް ހުރިގޮތުން ކިނބޫ ފައިބާފައި ވަނީ މޫދަށެވެ. އެހެންވެ މިއަދު މޫދުން ކިބޫ ފެނުމުގެ އަސްލަކީ ވެސް އެބިރުވެރިކަން ކަމަށް ވެދާނެ އެވެ.

މާފަރުގައި ހުންނަ ސަންގެ މޮނީޓާ ޒަހީން އަބުދުއްﷲ މިއަދު ސަން އަށް ބުނީ ކިނބޫ ފެނިދާނެތީ މުޅި އެރަށް "ބިރުވެރިކަމެއްގެ ތެރޭގައި"ވާ ކަމަށެވެ. އީދު ދުވަހާއި އެހެނިހެން އުފާތައް ފާހަގަ ކުރާ އިރު ވެސް އެރަށުގެ މުޅި ރައްޔިތުންނަށް މާ ބޮޑު ހިންހަމަޖެހުމެއް ނުލިބޭ ކަމަށާއި ސަބަބަކީ ކިބުލުގެ ބިރުވެރިކަން ހިތުގައި އޮންނާތީ ކަމަށް ޒަހީން ބުންޏެވެ.

"މިރަށު އެންމެންވެސް ތިބެނީ ވަރަށް ބިރުން، މުޅި ރަށު ތެރޭގައި ވަނީ ކިނބުލުގެ ބިރުވެރިކަން،" ޒަހީން ބުންޏެވެ.

ޒަހީން ބުނީ ކިނބޫ ފިޔަވަޅުތައް ފެނުނުފަހުން އެރަށު މީހުން މިހާރު މޫދަށް ނޭރޭ ކަމަށެވެ. އަދި ރޭގަނޑުގެ ގިނަ ވަގުތު ވެސް އެރަށު މީހުން ވަގުތު ހޭދަކުރަމުންދަނީ އަރާމު ނިދި ދޫކޮށް ކިނބޫ ފެނިދާނެ ކަމަށް ބަލައި ޑިޔުޓީ ކުރުން ކަމަށް ޒަހީން ބުންޏެވެ.

ނ. މާފަރުގެ އެކި ސަރަހައްދުތަކުން ކިނބުލެއްގެ ފިޔަވަޅު ފެންނާތީ ރައްޔިތުންނަށް ރައްކާތެރިވެގެން ތިބުމަށް އަންގައިފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

މާފަރު ކައުންސިލް މެންބަރު މުސްލިމް މުހައްމަދު ވިދާޅުވީ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނައީ މީހަކަށް، އެ ރަށު ހުޅަނގުފަރާތު ގޮނޑު ދޮށުން މޫދަށް ކިނބުލެއް ފައިބައިގެން ދިޔަތަން ފެނުމާ ގުޅިގެން ކަމަށެވެ.

"މިހާރު ދުވަސް ކޮޅެއް ވެއްޖެ ކިނބުލުގެ ފިޔަވަޅު ފެންނަތާ. މިއަދު ހެނދުނު އުމުރުން ދުވަސްވީ މީހަކަށް ކިނބުލެއް ފެނުނު ވާހަކަ ބުނުމުން އަޅުގަނޑުމެން ގޮސްބެލި އިރު އޭތީގެ ފިޔަވަޅުތައް ފެންނަން ހުރީ،" ކައުންސިލަރު ވިދާޅުވި އެވެ.

ނ. އަތޮޅުން މީގެ ކުރިން ވެސް ވަނީ ކިނބޫ ފެނިފަ އެވެ. ނަމަވެސް މާފަރުން އަދި މިހާތަނަށް ކިނބުލެއް ފެނިފައެއް ނުވެ އެވެ.

މާފަރުގެ މޫސަ އަށް މިއަދު ދިމާވި ހާދިސާ އިން އެރަށު ތެރޭގައި މިހާރު ވަނީ ކޮންމެވެސް ވަރަކަށް "ސަކަ މިޒާޖެއް" އުފެދިފަ އެވެ. ނަމަވެސް ކިނބުލުގެ ބިރުވެރިކަން އެރަށު ރައްޔިތުންގެ ހިތަކުން ނުފިލަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް