ނަތަންޔާހޫގެ އިންޒާރަކުން ފަލަސްތީނު ރައްޔިތުން ބިރެއް ނުގަންނާނެ: ހަމާސް

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރެއް ދިނަސް ފަލަސްތީނު ރައްޔިތުން ބިރު ނުގަންނަ ކަމަށް ބުނެ ހަމާސްއިން ރައްދުދީފި އެވެ.

"ނަތަންޔާހުގެ އިންޒާރުތަކުން ހަމާސް ނުވަތަ ފަލަސްތީނުގެ ރައްޔިތުން ބިރެއް ނުގަންނާނެ. އާންމުންނާއި ކުޑަކުދިންނަށް ދެމުންދާ ހަމަލާތަކަށް އަހަރެމެން ވެސް ރައްދުދޭނަން،" ހަމާސްގެ ތަރުޖަމާނު ސާމީ އަބޫ ޒުހުރީ ބުންޏެވެ.

ދިގު ދެމިގެންދާނެ އުދުވާނަކަށް އިސްރާއީލުން ތައްޔާރަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވެ، މިއަދު ނެތެންޔާހޫ ވަނީ އިންޒާރެއް ދެއްވައިފަ އެވެ. އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ބައިނައަގްވާމީ ޖަމާއަތްތަކުން ޕްރެޝަރު ކުރަމުންދިޔަ ނަމަވެސް، އިސްރާއީލުން އަދި ވެސް ދަނީ އުދުވާނުތައް ކުރިއަށް ގެންދިއުމަށް ވިސްނަމުންނެވެ.

"ދިގު ދެމިގެންދާ އުދުވާނަކަށް އަހަރެމެން ތައްޔާރުވާން އެބަޖެހޭ،" އިސްރާއީލުގެ ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިޔާއާ ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވި އެވެ. "އަހަރެމެންގެ ރައްޔިތުންނާއި ސިފައިން އަދި ދަރިން ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވަންދެން ޒިންމާދާރުކަމާ އެކު ވަރުގަދަ ފިޔަވަޅު އެޅުމުގައި އަހަރެމެން ކުރިއަށް ދާނަން،"

ހުއްޓުމެއްނެތި އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކަށް ތިން ހަފްތާ ވެފައިވާ އިރު، މިހާރު އިސްރާއީލުން ދަނީ ފަލަސްތީނު އާންމުންގެ ފޯނުތަކަށް އިންޒާރުދެމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތްތާ އިތުރަށް ނުރައްކާވާނެ ކަމަށާއި އާންމުން ޣައްޒާ ދޫކޮށް ދިއުމަށް އެ އިންޒާރުތަކުގައިވާ ކަމަށް އެ ރިޕޯޓްތަކުން ބުނެ އެވެ.

ފާއިތުވި 20 ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 1063 އަށް އަރާފައިވާ އިރު، 170،000 އަށްވުރެ ގިނަ ރައްޔިތުން ޣައްޒާ ދޫކޮށް، މިހާރު ދިރިއުޅެން ފަށާފައި ވަނީ އދ.ގެ އެހީދޭ މަރުކަޒުތަކުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު