ފިތްރު އީދުދުވަހު އިސްރާއީލުން ޣައްޒާގައި ބިރުވެރި ގަތްލުއާންމެއް ހިންގައިފި

ޣައްޒާ (ޖުލައި 29): ބަރަކާތްތެރި ފިތްރު އީދާ ގުޅިގެން 24 ގަޑީއިރަށް ޙަމަލާތައް މެދުކަނޑާލުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް އިސްރާއީލު ދެކޮޅު ހެދުމަށް ފަހު ބަރަކާތްތެރި ފިތްރު އީދު ދުވަހު އިސްރާއީލުން ޣައްޒާގެ އައްޝާތީ ރެފިއުޖީ އަވަށުގައި ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ބިރުވެރި ގަތްލުއާންމެއް ހިންގައިފި އެވެ.

މިގަތްލުއާންމުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 7 އަހަރުން ދަށުގެ 8 ކުޑަކުދިން ޝަހީދުކޮށްލާފަ އެވެ. ޣައްޒާގެ ސިއްޙަތާބެހޭ ދާއިރާ އިން ބުނީ އައްޝާތީ ރެފިއުޖީ އަވަށުގައިވާ ކުޑަކުދިންގެ ޕާކަކަށް އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން އިއްޔެ ބޮންއަޅައި 10 މީހުން ޝަހީދުކޮށްލާފައިވާ އިރު މީގެ ތެރޭގައި 8 ކުޑަކުދިން ހިމެނޭކަމުގަ އެވެ.
އިއްޔެއަކީ ޣައްޒާއަށް ވެސް ފިތްރު އީދުދުވަހެވެ. ފިތްރު ޢީދުދުވަހުގައި އިސްރާއީލުން ޣައްޒާގެ އެތަންމިތަނަށް ބޮންއަޅައިގެންނާއި ބޮޑުބަޑިންނާއި ޓޭންކުން ޙަމަލާތައްދީ ފަލަސްތީނުގެ 38 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އިސްރާއީލުން އިއްޔެ ޙަމަލާތައް ދިންތަންތަނުގެ ތެރޭގައި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލާއި ޙަމާސްގެ ޓީވީ ޗެނެލް އަލްއަގްސާ ނެޓްވާކްއާއި ޙަމާސްގެ އިސްވެރިއެއް ކަމަށްވާ އިސްމާއީލް ހަނިއްޔާގެ ގެކޮޅު ހިމެނެ އެވެ.
އައްޝިފާ ހޮސްޕިޓަލަށް ދިން މިޙަމަލާތަކުގައި އެހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުގެ އިތުރުން އެހޮސްޕިޓަލުގެ ބައެއް މުވަޒަފުންނާއި ބަލިމީހުން ޒަޚަމްވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނުގައި ފަލަސްތީނުގެ 1080 އަށް ވުރެ ގިނަ މީހުން 21 ދުވަހުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ އިރު ފަސްހާހަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންވަނީ ޒަޚަމްކޮށްލާފަ އެވެ. އަދި އިސްރާއީލުގެ ޙަމަލާތަކުގައި ފަލަސްތީނުގެ ބައެއް އާއިލާތަކުގެ ހުރިހާ މެންބަރުން ޝަހީދުކޮށްލައި އެތައް ޢާއިލާއެއް ވުޖޫދުން ފުހެލާފައިވެސްވެ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު