ފަލަސްތީނަށް ސަޕޯޓް ކުރަނީ ކީއްވެ؟

އެއީ މީގެ 30 އަހަރު ކުރި އެވެ. އައިމިނަތު އަށް އެއިރު އުމުރުން 31 އަހަރެވެ. މަޖީދީ މަގަށް ނުކުމެ ތިބި އެތައް ސަތޭކަ ބަޔަކާ އެކު އޭނާ ވެސް މަޑުކޮށްގެން އެ ހުރީ އެންމެ ބޭނުމެއްގަ އެވެ. އެއީ އެއިރުގެ ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތު ދެކިލުމަށެވެ. ކާރުކޮޅުގައި އިންނަވަނިކޮށް އަރަފާތު ފެނުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިމިނަތުގެ ހިތުގައި އަރަފާތަށް އަދި ފަލަސްތީނަށް ހާއްސަ ލޯތްބެއް އުފެދުނެވެ.

"ހަމަ ފޮޓޯތަކުގައި ފެންނަ ގޮތަށް ހުރީ. އެކަމަކު އެހާ ބޮޑަކަށް ނުފެނޭ ކާރުގައި އިންދާ ދުއްވާފައި ދަނިކޮށް ފެނުނީ،" ޒާހިރާ، 61، ބުންޏެވެ. "އެހާ މޮޅު މީހެއް ފެނުނީމާ ވަރަށް އުފާވި އެ ދުވަހު."

ފަލަސްތީނުގެ ރައްޔިތުންނާ ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ ވަރަށް ހާއްސަ ގުޅުމެއް އޮވެ އެވެ. ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން މިހާރު ހަމަލާދެމުންދާ އިރު އަހަރުމެން ދިވެހިންގެ ހިތުގައި ފަލަސްތީނަށް އަދި އެ ގައުމުގެ ރައްޔިތުންނަށް އޮންނަ ލޯބި މި ވަނީ ދެ ގުނަ ވެފަ އެވެ.

އެކި މީހުން ފަލަސްތީނަށް ސަޕޯޓް ކުރަނީ އެކި ސަބަބުތަކާ ހުރެ އެވެ. ބައެއް މީހުން އިޒްރޭލު ދެކެ ރުޅިއަންނާތީވެ ފަލަސްތީނަށް ސަޕޯޓް ކުރެ އެވެ. ފަލަސްތީނަކީ މުސްލިމް ގައުމެއްކަމުން އެ ގައުމަށް ސަޕޯޓް ކުރެ އެވެ. އެކަމަކު އެންމެ ގިނަ ބަޔަކު ފަލަސްތީނަށް ސަޕޯޓް ކުރަނީ އެމީހުންނަކީ އަނިޔާ ލިބިލިބި ތިބޭ ކުށެއް ނެތް މުސްލިމް ބަޔަކަށްވާތީ އެވެ.

"ތީ އަހާ ކަހަލަ ސުވާލެއްތަ؟ ފަލަސްތީނަށް ސަޕޯޓް ކުރާނެއެއްނު،" އެ ގައުމަށް ސަޕޯޓް ކުރަންތޯ އެހުމުން އިސްމާއިލް ޝިނާޒް، 30، ބުންޏެވެ. "މުސްލިމުންނެއްނު އެއީ. އެހާ ދަތި ހާލުގައި އަނެއްކާ އުޅެނީ ވެސް."

މުހައްމަދު މައުރޫފް، 23، އަކީ އިދާރީ މަސައްކަތް ކުރާ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. މީނާ ފަލަސްތީނުގެ ރައްޔިތުންނަށް ސަޕޯޓް ކުރަނީ ވަރަށް އެއީ މުސްލިމުންނަށް ވީތީއެއް ނޫނެވެ. އިޒްރޭލުގެ ރުޅިއަކުން ވެސް ނޫނެވެ. ބޭއިންސާފު އަނިޔާ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުވާތީ އެވެ.

"ޔަހޫދީއަކަށް ވިޔަސް ނަސާރާއަކަށ ވިޔަސް މުސްލިމަކަށް ވިޔަސް އެއްވެސް މީހަކަށް ބޭއިންސާފުން އަނިޔާ ލިބިގެންނުވާނެ. ވަކި ދީނެއްގައި އުޅޭތީއެއް ނޫން. ހަމަ އެކަކަށް ވެސް ބޭއިންސާފުން އަނިޔާއެއް ދީގެން ނުވާނެ. ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ވަރަށް ބޮޑު ބޭއިންސާފެއް އެ ލިބެނީ،" އޭނާ ބުންޏެވެ.

ފަލަސްތީނުގެ މައްސަލައިގައި ބައެއް މީހުން ކޮޅަކަށް ބުރަވެފައި ތިބެނީ އެކަމާމެދު ވަރަށް ބޮޑަށް ވިސްނުމަށް ފަހު އެވެ. އަހުމަދު ރިފާ، 27، ދެކޭ ގޮތުގައި މިއީ "މުސްލިމުންނާ ޔަހޫދީންނާދެމެދު ކުރާ ހޯލީ ހަނގުރާމަ" އެކެވެ.

"ފަލަސްތީނުގެ ބިން ޔަހޫދީންނަށް ދިނީ މުސްލިމުންނާއެކީ އުޅެން. އެކަމަކު އެމީހުން އެކަމަށް ބޮޑާވެގަތީ. އެއީ މުސްލިމުންގެ ބިމެއް. ކާފަރުންގެ ތަނެއް ނޫން. އަގްސާ މިސްކިތް ވެސް ހުންނަނީ އެ ބިމުގައި،" ރިފާ ބުންޏެވެ.

މުހައްމަދު ނަސީމް، 34، އަކީ ލިޔުންތެރިއެކެވެ. ދުނިޔޭގެ އަދި މެދުއިރުމަތީގެ ތާރީހް އޭނާ ދަނީ ދިރާސާ ކުރަމުންނެވެ. ނަސީމްއާ ސުވާލު ކުރަމުން އިޒްރޭލުގެ ވާހަކަ ބުނެވުންތަނާ ކުއްލިއަކަށް އޭނާ ބުނީ "އިޒްރޭލް ކިޔާ ގައުމެއް ނުދަންނަން" ކަމަށެވެ.

"އިޒްރޭލު ކިޔާ ގައުމެއް ނޯންނާނެ. ފަލަސްތީނުގެ ބިމަކީ ހަމައެކަނި ފަލަސްތީނު ރައްޔިތުންގެ ބިމެއް. އިޒްރޭލަކީ ޓެރަރިސްޓް ބައިގަނޑެއް. އިޒްރޭލަކީ ގައުމަކަށް ވަންޏާ އަލްގައިދާއަކީ ވެސް ގައުމެއް. ނައިޖީރިޔާގެ ބޯކޯ ހަރާމް އަކީ ވެސް ގައުމެއް،" ނަސީމް ބުންޏެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން "އީ އެމް ޕްލާޒާ" އަށް ދަޅެއް ގަންނަން ވަދެލިތަނާ ފާހަގަ ކުރެވުނީ ފިހާރައިގެ ތަންކޮޅެއް ދުރުގައި ހުރި މޭޒެއް ކައިރީގައި އިން އަހުމަދު މަމްދޫހް، 25، އަތުގައި އޮތް ފަލަސްތީނުގެ ދިދަ އަށެވެ. އެއިރު އަދި ގާޒާ އާއި އިޒްރޭލުގެ ހަމަލާތަކެއް ނުފެށެ އެވެ. ކީއްކުރަން ގެންގުޅޭ ދިދައެއްތޯ އަހާލުމުން މަމްދޫހު ބުނީ އޭނާއަކީ "ފަލަސްތީނުގެ މީހެއް" ކަމަށެވެ. މިއަދު އޭނާއަކީ ފަލަސްތީނުގެ ވަރުގަދަ ސަޕޯޓަރެކެވެ.

"އަބަދުވެސް އަހަރެން އަސްލު ވަރަށް ދެރަވޭ ފަލަސްތީނުގެ ރައްޔިތުން އުޅެންޖެހޭ ހާލަތާމެދު. އަބަދުވެސް ހަބަރުތައް ބަލާ ހަދަން. އިސްލާމް ދީނަށްޓަކާ އަހަރެން ފަލަސްތީނަށް ސަޕޯޓް ކުރަނީ،" މަމްދޫހު ބުންޏެވެ.

ފަލަސްތީނުގެ ހާލަތާމެދު އަހަރުމެންގެ ގިނަ ބަޔަކު ބޮޑުކޮށް ވިސްނި ނަމަވެސް ނުވަތަ ފަލަސްތީނަށް ސަޕޯޓް ކުރާ ސަބަބު އެމީހަކު އަމިއްލަ އަށް ނޭނގޭ މީހުން ވެސް އުޅެ އެވެ.

"ދެން.... ކޮން ކަހަލަ ސުވާލެއްތަ ތިއީ.... އައި ޑޯންޓް ނޯ (އަހަންނަކަށް ނޭނގޭ)،" ޒުވާން އަންހެނުން ކުއްޖަކާ ސުވާލުކޮށްލުމުން އޭނާ އަހަންނާ ވެސް ކުރީ ސުވާލެވެ.

ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންނާ އަހަރުމެން ދިވެހިން ގާތް ވާހަކަ ދައްކާ އިރުގައި ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި ވެސް ދިވެހިންނާ މެދު ހާއްސަ ކަމެއް އޮންނަކަން ހަނދާން ކުރަންޖެހެ އެވެ. ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތު 1984ގައި ރާއްޖެ ވަޑައިގެން ދިވެހިން ސިފަ ކުރެއްވީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބަނޑުއެއްބަފާ ބަޔެއްގެ ގޮތުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް