މިނިސްޓަރަކަށް ބިރުދެއްކި ކަމަށް ބުނެ ތޮއްޔިބުގެ ފޯނު ފުލުހުންނާ ހަވާލުކުރަން އަމުރެއް ނެރެފި

ދައުލަތުގެ ވަޒީރަކަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކުރީގެ އެޑިޓަރު ޅ. ނައިފަރު ވެލްކަމްގޭޓް، ތޮއްޔިބް ޝަހީމްގެ ފޯނު އެއް މަސް ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން ތައްޔިބުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވަން އަމުރު ނެރެފައި ވަނީ އޭނާގެ ނަންމަތީގައި ނަގާފައިވާ ނަންބަރަކުން މި މަހުގެ 24 ވަނަ ދުވަހު މިނިސްޓަރަކަށް ބިރުދައްކައި މެސެޖުކޮށްފައިވާ މައްސަލައަކާ ގުޅޭ ހެކިގަރީނާ ހޯދުމަށެވެ. އެހެންނަމަވެސް އެއީ ކޮން މިނިސްޓަރެއް ކަމެއް އެ އަމުރުގައި ބުނެފައެއް ނުވެއެވެ.

ބިރުދެއްކުމުގެ އެސްއެމްއެސް މިނިސްޓަރަކަށް ފޮނުވި ކަމަށް ބުނާ މޯބައިލް ނަންބަރުވެސް އެ އަމުރުގައި ވަނީ ހިމަނާފަ އެވެ. އެ ނަންބަރަކީ ތޮއްޔިބު ބޭނުންކުރައްވާ މޯބައިލް ނަންބަރެވެ.

ފޯނު އެއް މަސް ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވަން އަމުރު ކުރިއިރު، އެ ފޯނުގެ ލޮކް ކޯޑު ނޫންނަމަ ޕެޓާން ފުލުހުންނަށް ދިނުމަށް ވެސް ވަނީ ތޮއްޔިބުގެ މައްޗަށް އަމުރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު