ޕާކެއްގައި ކުޅެން ތިބި ނުވަ ކުއްޖަކު އިސްރާއިލުން ޝަހީދުކޮށްލައިފި

ޣައްޒާގައި ކުޑަކުދިިން ކުޅެން ތިބި ޕާކަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި، ނުވަ ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ، މުސްލިމުން މިއަދު ފާހަގަކުރަމުންދާ ފިތުރު އީދު ދުވަހު ޒަޔަނިސްޓް އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުރި ޝާތި ރެފިއުޖީ ކޭމްޕް (ބީޒް ކޭމްޕް) އަށް ދިން ހަމަލާގައި ޝަހީދު ކޮށްލި ނުވަ ކުދިންނަކީ އުމުރުން 12 އަހަރުން ދަށުގެ ކުދިން ކަމަށެވެ. އަދި އެ ހަމަލާތަކުގައި 46 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިސްރާއީލުން ވަނީ، މިއަދު ޝިފާ ހޮސްޕިޓަލަށް ވެސް ހަމަލާތަކެއް ދީ ގިނަ ބަޔަކު ޒަހަމްކޮށްލާފަ އެވެ.

ނަމަވެސް އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާން ލެފްޓިނެންޓް ކާނަލް ޕީޓާ ލާނާ ބުނީ، ޝިފާ ހޮސްޕިޓަލަށާއި ބީޗް ކޭމްޕަށް ހަމަލާ ދީފައި ވަނީ ޣައްޒާގެ "ޓަރަރިސްޓުން" ކަމަށެވެ.

ޣައްޒާގެ ދާހިލީ ވުޒާރާގެ ތަރުޖަމާން އިޔާދް އަލް ބޮޒަމް ވިދާޅުވީ، އިސްރާއީލުގެ އެ ހަމަލާގައި މަރުވެފައިވާ މީހުންގެ ހަށިތަކުންނާއި ޒަހަމްވި މީހުންގެ ފަރާތުން ލިބުނު ހެކިތަކުން، އެ ހަމަލާއަކީ އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއް ކަމަށް ސާބިތުވާ ކަމަށެވެ.

"އިސްރާއީލުން ގަބޫލުކުރަނީ ހޮސްޕިޓަލަށާއި ޕާކަށް ދިން ހަމަލާއަކީ ޕަލަސްތީނުން ދިން ހަމަލާއެއް ކަމަށް. އެ މީހުން އެގޮތަށް އެ ބުނަނީ، ކުޑަކުދިންނާއި އާންމު ރައްޔިތުންނާއި ދެކޮޅަށް އެ މީހުން ހިންގަމުންދާ ހަޑި މުޑުދާރު އަމަލުތައް ފޮރުވުމަށް ކޮށްފައިވާ ކަމެއް. އަދި ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ބިރުން،" ޣައްޒާގެ ދާހިލީ ވުޒާރާގެ ތަރުޖަމާން ބުނެފައިވެ އެވެ.

އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލް އާންމު އިތުރަށް ފުޅާކުރުމުގެ ނިޝާނެއްދީ ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ޣައްޒާގެ ގެ މެދުތެރެއަށް ދިއުމަށް އަންގާފަ އެވެ.

އިސްރާއީލުން މިއަދު ޣައްޒާއަށް ހަމަލާތަކެއް ދީފައިވާއިރު، ހަމާސްއިން ވަނީ ޣައްޒާ އާއި އިސްރާއީލުގެ ބޯޑަރު ދަށުގައި ހަދާފައިވާ ބިންގަރާހަކުން އިސްރާއީލަށް އަރައި، ހަމަލާތަކެއްދީފަ އެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ހަމާސް އާއި އިސްރާއީލުގެ ސިފައިންނާއި ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ހަމާސްގެ ފަސް މުޖާހިދަކު ޝަހީދުކޮށްލާފައިވާއިރު، އިސްރާއީލުގެ ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ.

ހަމާސް އިންވެސް ބުނެފައި ވަނީ، އިސްރާއީލުގެ ދެކޮޅަށް ދިން ހަމަލާތަކެއްގައި އިސްރާއީލުގެ ބަޔަކު މަރާލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު