Last Updated: 10 year 9 month ago

އިސްރާއީލު ޓޫރިސްޓުން ތުލުސްދޫއިން ފުރުވާލައިފި

ބުލޮގު ޚުލާސާ
ކ. ތުލުސްދޫ ރާޅާ އަޅާ ސަރަހައްދުގެ ރުށްތަކެއްގައި އިސްރާއީލާ ދެކޮޅަށް ހަރުކޮށްފައި ހުރި ބޯޑުތަކެއް، އެ ރަށަށް ގޮސް ތިބި އިސްރާއީލުގެ ޓޫރިސްޓުންތަކެއް ހަލާކުކޮށްލި މައްސަލަ ހޫނުވެފައިވަނިކޮށް، ސްޕެޝަން އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުންގެ އެހީތެރިކަމާ އެކު އެ މީހުން އެ ރަށުން ފުރުވާލުމުގެ މަސައްކަތް ފަށައިފި އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ތުލުސްދޫގައި ތިބި އިސްރާއީލުގެ ޓޫރިސްޓުން ފުރުވާލުމުގެ މަސައްކަތް ފެށީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ މީހުންނަށް "ނުރައްކާވެދާނެ" ކަމަށް ބެލެވޭތީ އެވެ. ތުލުސްދޫ އިރުމަތީ ފަރާތު ރާޅާ އަޅާ ސަހައްދުގެ ރުށްތަކެއްގައި ހަރުކޮށްފައި ހުރި ބޯޑުތަކެއް އެ މީހުން ހަލާކުކޮށްލި މައްސަލަ ހޫނުވުމާ އެކު، އެސްއޯގެ ފުލުހުންގެ ޓީމެއް ވަނީ ތުލުސްދޫ އަށް އަރައި އަމަން ބަލަހައްޓަން ފަށާފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ އިސްރާއީލް ޓޫރިސްޓުންނާ ދެކޮޅަށް ތުލުސްދޫގައި ހަރަކާތްތެރިވާ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ތަފާތު އެކި ބޭނުންތަކުގައި މީހުން ހާޒިރު ކުރަމުންގެންދާނެ ކަމަށެވެ. އަދި އެގޮތަށް ފުލުހަށް މީހުން ހާޒިރު ކުރުމަކީ ހައްޔަރު ކުރުން ނޫން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. "ތުލުސްދޫގައި ތިބި ޓޫރިސްޓުންގެ ރައްކަލަކަށްޓަކައި އެ ރަށުގައި ތިބި ފުލުހުންގެ އަދަދު ވާނީ އިތުރުކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
01:50

ކ. ތުލުސްދޫގައި ތިބި އިސްރާއީލުގެ ޓޫރިސްޓުންތައް ފުލުހުންގެ ބެލުމުގެ ދަށުން ދާދި ދެންމެއަކު އެ ރަށުން ފުރުވާލައިފި. އިސްރާއީލުގެ 30 އަށް ވުރެ ގިނަ ޓޫރިސްޓުން ފުރުވާލީ ދެ ލޯންޗެއްގައި. އެ މީހުންނަށް ފުލުހުން ދަނީ ހިޔާމަތް ދެމުން. ތުލުސްދޫއިން ފުރުވާލި އިސްރާއިލް މީހުން ގެންދަނީ ކޮންތާކަށް ކަމެއް ނޭނގޭ. އެ މީހުން ގެންދާ ތަނެއް ފުލުހުން ވެސް އަދި އެ ރަށު ކައުންސިލް އިދާރާއަކުން ވެސް ހާމައެއް ނުކުރޭ
01:46

ފޮރިން މިނިސްޓްރީ ކައިރިއަށް އެއްވެ، އިސްރާއީލުގެ ދިދަ އަންދާލައިފި.
01:29

އިސްރާއީލުގެ ޓޫރިސްޓުން ރާއްޖެއިން ފޮނުވާލުމަށް ގޮވާލައި މީހުން ރައީސް ޔާމިން ދިރިއުޅުއްވާ ގެކޮޅު ގ. ދޫވެހި ކައިރިއަށް އެއްވެއްޖެ. އެ މީހުން އެ ސަރަހައްދުގައި އަޑުގަދަ ކުރުމަށްފަހު މާގިނައިރުތަކެއް ނުވެ، ސައިކަލްތަކުގައި ވަނީ ގޮސްފައި.
01:28

ސުނާމީ ބިނާ ސަރަހައްދަށް އެއްވި މީހުން، ސައިކަލްތަކުގައި މާލޭގެ މަގުތަކަށް ނުކުމެ، އިސްރާއީލުގެ މީހުން ރާއްޖެއިން ފޮނުވާލުމަށް ގޮވާލައި ދަނީ އަޑު އުފުލަމުން.
00:46

އިސްރާއީލު ޓޫރިސްޓުން "ބޮއިކޮޓް" ކުރުމަށް ގޮވާލައި ސުނާމީ ބިނާ ސަރަހައްދު، ހެލިޕޭޑުގައި އަޑު އުފުލުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުން. އެ މީހުން ދަނީ ޕޯސްޓަރުތަކުގައި އިސްރާއީލުގެ ދިދަ ކުރަހައި އެ ދިދަތަކުގައި "ރަސްގެލަމުން". އިސްރާއީލުގެ ޓޫރިސްޓުން ބޮއިކޮޓް ކުރުމަށާއި އެ ގައުމުގެ އުފެއްދުންތައް ވެސް ބޮއިކޮޓް ކުރުމަށް އިނގިރޭސީ ބަހުން ލިޔެ، ހެލިޕޭޑުގައި ސަރަހައްދު ބިންމަތީގައި އެ މީހުންދަނީ ސުޕްރޭ ކުރަމުން.
23:40

ތުލުސްދޫގައި ތިބި އިސްރާއީލުގެ ޓޫރިސްޓުން ފުރުން ފަސްކޮށްފި. އިޒުރޭލު މީހުން ފުރުވާލުމަށް އެ މީހުންގެ ލަގެޖުތައް ބަނދަރު ސަރަހައްދަށް ގެންދިޔަސް، މިހާރު ވަނީ އަނބުރާ އެ އެއްޗެހި ގެސްޓު ހައުސްތަކަށް ގެންގޮސްފައި. އެ މީހުން ފުރުވާލަން ފުލުހުން އެހީތެރިކަން ދީފައިވާއިރު، އެ މީހުން ފުރުން ފަސް ކުރި ސަބަބެއް އަދި ކަށަވަރުވެފައެއް ނުވޭ. "ސަން"އަށް އެނގިފައިވާ ގޮތުގައި ތުލުސްދޫގައި ތިބި އިސްރާއީލުގެ ޓޫރިސްޓުން ފުރުވާލުމުގެ މަސައްކަތް ފެށީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ މީހުންނަށް "ނުރައްކާވެދާނެ" ކަމަށް ބެލެވޭތީ.
22:50

މާލެއިން ތުލުސްދޫއަށް އެރި 12 މީހަކު ރަށު ތެރޭގައި ގްރޫޕެއްގެ ގޮތަށް އުޅޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ސަންއަށް ބުނި. އެ މީހުންގެ ފަހަތުން އެސްއޯ ފުލުހުން ދަނީ ފާރަލަމުން. ރަށުގައި އެއްވެސް ހަމަނުޖެހުމެއް އަދި ނުހިނގާ.
22:48

ބަނދަރުގައި ޓޫރިސްޓުންގެ ލަގެޖުތައް ބަރުކޮށްފައިވާ ލޮރީ އެނބުރި ގޮސްފި. ބެލެވޭ ގޮތުގައި ޓޫރިސްޓުން ފުރުން ލަސް ކުރީ ކަމަށް ބެލެވެނީ.
22:30

ތުލުސްދޫ ބަނދަރު ސަރަހައްދުގައި ފުލުހުން ދަނީ އަމަން ބަލަހައްޓަމުން. ޓޫރިސްޓުންގެ "ފޮށި ތަންމަތި" ވަނީ ބަނދަރު ސަރަހައްދަށް ގެނެސްފައި. ނަމަވެސް ޓޫރިސްޓުން އަދި ބަނދަރު ސަރަހައްދަކަށް ނާދޭ. ފުލުހުން ދަނީ ގެސްޓު ހައުސްތައް ހުންނަ ސަރަހައްދުތަކާއި ރަށަށް އަރައި އުޅޭ ބީރައްޓެހިން ވަދެ އުޅޭ ހޮޓާތަކުގެ ކައިރީގައި ފުލުހުން ދަނީ ފޯރި މަރަމުން.
ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރައްޒާގު އަލީ ވިދާޅުވީ ރަށުގެ އެކި ގެސްޓު ހައުސްތަކުގައި ތިބި ޓޫރިސްޓުން ފުލުހުންގެ ހިމާޔަކަށް އެދިފައިވާ ކަމަށް. ރަށު ތެރޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ޓޫރިސްޓުން ތިބީ "ވާނުވާގައި ކަމަށް އޭނާ ވިދާޅުވި. ފުލުހުންގެ އެހީތެރިކަމާއެކު އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ރަށުން ފުރުވާލުމަށް ފުލުހުން ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި.
ރަށުގައި ބިރުވެރިކަމެއް ނެތް. އެކަމަކު ޓޫރިސްޓަކަށް ގެއްލުމެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެން ދިވެހިނަށް ލިބޭނެ ގެއްލުމެއް. އެފަދަ ކަމެއް ދިމާވެދާނެތީ ރައްޔިތުން ދެރަވޭ
ފުލުހުންގެ މީޑިއާ އޮފިޝަލް

ތުލުސްދޫގައި ތިބި ބަޔަކާއި އެ ރަށަށް އެރި ބަޔަކު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފި. ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހުން ތިބީ "ހައްޔަރެއްގައި، ބަންދެއް" ގައި ވެސް ނޫން ކަމަށް. މިއަދު އެ ރަށުގައި ހިނގައިދިޔަ ކަންތައްތަކުގެ މައުލޫމާތު އޮޅުން ފިލުވާލުމަށް މީހުން ފުލުހަށް ހާޒިރު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި.
އެއްވެސް މީހަކު ހައްޔަރެއް އަދި ބަންދެއް ވެސް ނުކުރަން. ރަށަށް އެރި ބަޔަކު އަދި ރަށުގައި ތިބި ބަޔަކު ހާޒިރުކޮށްގެން ސުވާލު ކުރަމުން މިދަނީ. އެއީ ހައްޔަރު ކުރުމެއް ނޫން
21:51

ލޯންޗެއްގައި ތުލުސްދޫއަށް އެރި 11 މީހަކު ފުލުހުން ހައްޔަރުފި. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކުރި 11 މީހުންނަކީ އިސްރާއީލުގެ ޓޫރިސްޓުންނާ ދެކޮޅު ހެދުމަށް އެރަށް އެރި ބައެއް. ތުލުސްދޫގައި ހުރި މީހަކު "ސަން"އަށް ބުނީ އެ ރަށަށް އަރައި ފައިބާ މީހުން ފުލުހުން ބަލައި ފާސް ކުރަމުންދާ ކަމަށް.