އީދުގެ ފެށުން ގަދަ އަލިފާންގަނޑަކުން!

އީދެއްގެ އުފަލަކީ ބޮޑު އުފަލެކެވެ. އެ ފުލަކީ އަހަރު ދުވަހު އެދިއެދިވާ އުފަލެކެވެ. އެ އުފަލެއްގެ ބޭނުން އެންމެންވެސް ހިފަން ބޭނުންވާނެ އެވެ. އެ އުފާ ލިބިގަތުމަށްޓަކައި ދިރިއުޅެންޖެހިފައިވާ "ކޮންކްރީޓް ޖަންގަލިން" ނުކުމެ، އީދު ލިބޭތޯ އަހަރެން ފުރީ އުފަން ރަށް އއ. އަތޮޅު ތޮއްޑޫ އަށެވެ.

ރަށްރަށުގައި އީދު ފާހަގަކުރާ ގޮތްތައް މަދުފަހަރެއްގައި ފެނިފައިވި ނަމަވެސް، އެކި ހިސާބުތަކުގައި އެކަން ކޮށްއުޅެނީ ވަރަށް ތަފާތު އުސޫލުތަކެއް ބޭނުންކޮށްގެން ނެވެ. އެގޮތުން އަހަރެންނަށް މިފަހަރު ތަޖުރިބާ ކުރެވުނީ މުޅިން ތަފާތު އީދެކެވެ. ރޯދަ ވީއްލަން ވަގުތު ކުޑަތަންވެފައި ވަނިކޮށް އަހަރެންގެ ރައްޓެހިން އަހަރެންނަށް ދައުވަތު ދިނީ ކޮންމެ ވެސް ކާއެއްޗެއް ހިފައިގެން އެ ރަށުގެ ހުޅަނގުފަރާތު ގޮނޑުދޮށަށް ދިއުމަށެވެ.

ސައިކަލެއްގައި އެ މީހުން ބޭނުންވި މަންޒިލަށް ދެވުނު އިރު ކުޑަކުދިންނާއި ބޮޑެތި މީހުން ގާތްގަނޑަކަށް ބުނާނަމަ ރަށުގެ ގިނަބަޔަކު ކާނެ އެއްޗިއްސާއެކު އެތަނަށް އެއްވެފައި ތިއްބެވެ. އެންމެންގެ މޫންނުން ވެސް ފެންނަނީ އުފާވެރިކަމާ ހިތްހަމަ ޖެހުމެވެ. ރައްޓެހިންގެ ސަކަ މިޒާޖަށް ރޯދަ ގެއްލުވާލަން ޖެހުނީއޭ އަހަރެންނަށް ހީވި ނަމަވެސް ކަންތައް ވާން އުޅެނީ ހީކުރެވުނު ގޮތާ މުޅިން ހިލާފަށެވެ. ރޯދަ ނިންމައި އީދައް ހަނދު ބަލައި އީދުގެ މަޖާ ފެށުމަށް "އީދު ބިޑި" ރޯކުރަން ތައްޔާރު ވަނީ އެވެ.
ފިތުރު އީދު ފެށުމުގެ ގޮތުން ތޮއްޑޫ މީހުން "އީދުބަޑި" ރޯކުރަން ތައްޔާރުކޮށްފައި: ސަން ފޮޓޯ-- އަހުމަދު ޝަރުވާން

އެއީ ބޮޑު އުފަލެކެވެ. އީދަށް ހަނދު ބެލުމަކީ ކޮންމެ ރަށެއްގައި ވެސް ކުރީ ޒަމާނުއްސުރެކޮށް އުޅޭ ކަމެކެވެ. ތޮއްޑޫ މީހުންގެ ބަހުންނަމަ "އީދުބިޑި" ރޯކުރުމަކީ ޒަމާނުއްސުރެ އެ ރަށުގައި ވެސް ވާދަވެރިކަމާއި އެކު ކޮއްއުޅޭ ކަމެކެވެ. އެއަށް "އީދުބިޑީ، އީދުމަޅިޔާ"، "އީދުބަޑި" ފަދަ ނަންނަން ކިޔާ އުޅެ އެވެ. އީދުބިޑި އަކީ ވަކި މުއާސަލާތެއް ކުރުމަށްޓަކައި ނުވަތަ ވަކި ހަބަރެއް ފެތުރުމަށްޓަކައި ކާބަފައިންގެ ޒަމާނުން ފެށިގެން މިއަދުގެ ޖީލަށް ވެސް ވާރުތަވެފައިވާ ސަގާފަތެކެވެ. ކުޑައިރުގެ ހަނދާން ތަކުގެ ތެރެއިން ސިކުނޑީގައި އެންމެ ގަދަޔަށް ހަރުލާފައި ހުންނަ އެއް ހަނދާނަކީ އީދު ބިޑި ރޯކުރުމުގެ ހަނދާނެވެ. އެ މަޖާކަމާ ފޯރިގަދަކަމުގެ ހަނދާނެވެ.

"މިރަށުގައި އެންމެ ކުރީއްސުރެ ކޮށްއުޅޭ ކަމެއް އީދުބިޑި ރޯކުރުމަކީ. ސީދާ ވަކި ތާރީހެއް އިނގޭކަށް ނޯންނާނެ އީދު ބިޑި ރޯކުރަން ފެށި ތާރީހެއް. އެކަމަކު ބޭބެމެން ހަނދާނުގައި ހުންނަން ފެށި ހިސާބުން ފެށިގެން ވެސް މިރަށުގައި ވަރަށް ފޯރިއާއެކު ކޮންމެ އަހަރަކު ކުރަކަމެއް މިއީ،" ތޮއްޑޫގެ އުމުރުން 80 އަހަރުގެ އަލީ އަބުދުﷲ ކިޔާދިނެވެ.

ރަމަޟާން މަހުގެ އޮންނަ ތިރީސް ވަނަ ދުވަހު ތައްޔާރުކުރާ އެ އީދުބިޑި ތައްޔާރުކުރުމުގައި އިސްކޮށް އުޅެނީ ނޫކަށި ފުރައިގެ ޒުވާނުންނެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ވަލުތެރެއަށް ވަދެ އެ މީހުން ދިގު ފަޅޯގަހެއް ނުވަތަ ދުނބުރި ގަހެއް ފަދަ އެއްޗެއް ކަނޑާލުމަށް ފަހު ފަތްކޮޅު ނޮޅާލައިގެން އަތިރިމައްޗަށް ނެރެ އެވެ. ތޮއްޑޫގައި މިފަހަރު ޖަހާލި އީދުބިޑި އަށް ކަމުދިޔައީ ގާތްގަނޑަކަށް 40 ފޫޓުގެ ދުނބުރިގަހެއް ކަމަށް އެކަމުގައި އިސްކޮށް ހަރަކާތެރިވި ޒުވާނަކު ބުންޏެވެ. ގަސް ކަނޑައިގެން އަތިރިމައްޗަށް ނެރުނު އިރު ކުޑަކުދިންނާ ޒުވާނުންގެ ބަޔަކު ހިކިފަނާއި އިލަޔާއި ކުނަހަނގާލި ގަނޑު ގަނޑު އަތިރިއަށް ނެރެއެވެ.

ބޭނުންވާ ތަކެތި އެއްކޮށް ނިމުމުން އީދުބިޑި ތައްޔާރު ކުރަންފަށަ އެވެ. އީދު ބިޑިޔަށް ކެނޑި ގަހުގެ ވަކި ތަރުތީބަކުން ހިކިފަންތައް ބަންނަމުން ދާއިރު، އިލަޔާއި ކުނަހަނގާލިގަނޑު ގަނޑާއި ހިކިފަނުގެ އިތުރުން ބަންނަ ބަނުމުގައި ދޭތެރެ ދެތެރޭން ރޯ ދުނބުރިފަތުގެ މިންވަރެއް ވެސް ހިމަނަ އެވެ. އީދުބިޑި ބަނދެ ނިންމާލުމަށްފަހު ކޮޅަށް ނެގި ނަމަވެސް، މިފަހަރު ހިކިފަނާއި އެހެނިހެން ތަކެތި އީދުބިޑީގައި ހަރުކުރީ އީދުބިޑި ކޮޅަށް ޖަހާފައި ބަހައްޓައިގެންނެވެ.

ކޮންމެ ގޮތަކަށް ނަމަވެސް އިރު އޮއްސެންވާއިރަށް އީދުބިޑީގައި ބަންނަ އެއްޗެއް ބަނދެ ނިންމާލުމަށްފަހު ކޮޅަށް ނަގައި ނުވެއްޓޭ ވަރަށް ހަރުކުރާނެ އެވެ. އެވަގުތު ފޮނި ކާއެއްޗިއްސާއި އެހެނިހެން ކާތަކެތި ހިފައިގެން ރޯދަ ވީއްލަން ތައްޔާރުވެގެން އީދު ބިޑި ދޮށަށް ރައްޔިތުން އެއްވެ ތިބޭނެ އެވެ. އެ ވަގުތު އެއްބަޔަކު ދުރުމި ބޭނުންކޮއްގެން ވެސް ހަނދުފެނޭތޯ ބަލާނެ އެވެ. މި ޒަމާނުގައި ނަމަ ފޯނާއި ރޭޑިއޯ ފަދަ ހަބަރު ފަތުރާ ވަސީލަތްތަކަށް އަޑުއަހަމުން ދާނެ އެވެ. ހަނދު ނުފެނިއްޖެއްޔާ އީދު ބިޑީގެ މަޖަލެއް ނުލިބޭނެ އެވެ. އެކަމަކު ހަނދު ފެނިއްޖެއްޔާ އެދެން ކަންތަކާ ޖެހުނީ އެވެ. ހެމުން އުފާ ކުރަމުން ނަށަމުން ކުޑަ ކުދީންނާއި ޒުވާނުން ރަށުތެރެއަށް އަރައިގެން ދާ އިރު ހީވާނީ އެހެންފަދަ ކަމެއް ހެންނެވެ.
ފިތުރު އީދު ފެށުމުގެ ގޮތުން ތޮއްޑޫ މީހުން ރޯކުރި "އީދުބަޑި": ސަން ފޮޓޯ-- އަހުމަދު ޝަރުވާން


އެ އުފަލުގައި މިފަހަރު އަޅުގަނޑަށް ބައިވެރި ވެވިއްޖެ އެވެ. ރަށުގެ އިސް ބޭފުޅަކު އީދުބިޑި ރޯކޮށްލައިފި އެވެ. އެ ހިސާބުން އީދު އުފާ ފެށުނީ އެވެ. އީދު ބިޑިއަށް ހުޅު ލުމާއެކު ރޯވެގެން އަންދަން ފަށައިފި އެވެ. ތިރިން މައްޗަށްވާ ގޮތަށް އަނދަމުން ދާއިރު ދޭތެރެ ދޭތެރޭން "ޕަޓަޕަޓާސް" ލާފައި ބަޑި ތަޅައިގަންނަ އަޑެއް އިވެ އެވެ. އެ އަޑުގެ ހަގީގަތަކީ އީދުބިޑި ބަން އިރު އޭގެތެރޭގައި އައްސާފައި ހުރި ދުނބުރި ފަތްތަށް އަލިފާނުގެ ހޫނާއެކު އަނދާ އަޑެވެ. އަނދަމުންދާ އެނދުމުގެ އަލިކަން ފިޔަވައި އެއްހެން އެއްވެސް އަލިކަމެއް ނެތް، ކޮޅެއް މެދެން ނޭންގޭ ކަނު އަދިރި ޖައްވުގެ ތެރެއަށް އެ ތަންވަޅު އީދުބިޑިންރީތިރަންކަނިތަކެއް ބުރަބުރައިގެން ދިޔައެވެ. އީދު ބިޑީގެ އެންމެ ހިތްގައިމު މަންޒަރަކީ އެއީއެވެ.

"އޭރު ބައެއްފަހަރު ރޯކޮއްލާނެ ރަސްދޫ މީހުން ވެސް. ރޯކޮއްލީމަ ދެން މިރަށު މީހުން ރޯކުރާނެ. ހަނދު ނުފެންނަނީސް އެއްބަޔަކު ވެސް ރޮލެއް ނުކުރާނެ. އޭރު ނުހުންނާނެ ރޭޑިއޯއެއް ފޯނެއް ޓީވީ އެއް އެހެން އެއްޗެއް. އީދު މުބާރިކް ކިޔާނީ އީދު ބިޑިން،" އުމުރުން 78 އަހަރުގެ އާދަމް މަނިކު ކިޔާދިނެވެ.

އަތޮޅެއްގައި ކައިރި ކައިރީގައި ރަށްރަށް އެތުރިފައި އޮންނަ އިރު އެއްރަށެއްގެ އީދު ބިޑި ރޯ ކޮށްލުމާއެކު ޖެހިގެން އޮންނަ ރަށުގެ އީދު ބިޑި ރޯކޮށްލާނެ އެވެ. ދެން އެއާ ވިދިގެން އޮންނަ ރަށެވެ. މި ގޮތުން ގޮސް ކުރީ ޒަމާނުގައި އީދު ގެ ހަނދު ފެނިއްޖެ ކަމުގެ އިއުލާނު ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ފޯރުކޮށްދޭ މުވާސަލާތީ ވަސީލަތަކީ މި އީދުބިޑިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް