ތުލުސްދޫގައި ތިބި އިސްރާއީލު ބަޔަކު ފަލަސްތީނާ އެއްކޮޅު ހަރަކާތަކަށް ހުރަސް އަޅައިފި

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގާ ގަތުލްއާންމާ ދެކޮޅު ހެދުމުގެ ގޮތުން ކ. ތުލުސްދޫގައި ހިންގި ހަރަކާތަކަށް އެ ރަށުގައި ތިބި އިސްރާއީލުގެ ޓޫރިސްޓުންތަކެއް ހުރަސް އަޅައިފި އެވެ.

ގެސްޓު ހައުސްގެ ވިޔަފާރީ ކުރަމުން އަންނަ ތުލުސްދޫގައި އިސްރާއީލުގެ 30 އަށް ވުރެ ގިނަ ޓޫރިސްޓުން އެބަ ތިއްބެވެ. އެ ރަށަށް ގޮސް ތިބި އިސްރާއީލް މީހުންނަކީ ރާޅާ އަޅާ ބަޔެކެވެ. އެ މީހުން މިއަދު މެންދުރުފަހު ތުލުސްތޫ އިރުމަތީ ފަރާތު ރާޅާ އަޅާ ސަރަހައްދަށް ގޮސް ތިއްބައި، ރަށުގެ 10 ވަރަކަށް ޒުވާނުން ވަނީ އިސްރާއީލާ ދެކޮޅު ހެދުމުގެ ގޮތުން ހަރަކާތެއް ހިންގާފަ އެވެ. އެ ހަރަކާތުގައި ހަމައެކަނި ބައިވެރިވީ ޒުވާނުންތަކެކެވެ.
ރާޅާ އަޅަން ތުލުސްދޫގައި ތިބި އިސްރާއީލު މީހުންގެ ތެރެއިން އެކަކު އެއްގަމަށް އަރައި ހިނގާފައި ދަނީ: ތުލުސްދޫގައި ތިބި އިސްރާއީލު މީހުން ވަނީ އެ ރަށުގެ ރުއްތަކުގައި ހަރުކޮށްފައި ހުރި އެ މީހުންނާ ދެކޮޅު ބޯޑުތައް ހަލާކުކޮށްލާފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

އިސްރާއީލާ ދެކޮޅަށް ތުލުސްދޫގައި ހިންގި ހަރަކާތުގައި އިސްކޮށް އުޅުނު ޒުވާނަކު "ސަން"އަށް ބުނީ ރަށުގައި ތިބި އިސްރާއީލު މީހުން ރާޅާ އަޅަން ދިޔަ ވަގުތު ބަލައި، ރަށުގެ އިރުމަތީ ފަރާތު ރުއްތަކުގައި އިސްރާއީލާ ދެކޮޅު ބޯޑުތަކެއް ހަރުކުރި ކަމަށެވެ. އަދި އެ ބޯޑު ތަކުގައި ލިޔެ ކުރަހާފައިވާ ގޮތުން ޖަރުމަނުގެ އަނިޔާވެރި ނާޒީންގެ ވެރިކަމާއި ޒަޔަނިސްޓު އިސްރާއީލާގެ ދައުލަތާ އެއްފަދަކޮށްފައިވެ އެވެ. އަދި އިސްރާއީލަކީ އަނިޔާވެރި ޖަރީމާ ހިންގުމުގައި ހައްދު ފަހަނައަޅާފައިވާ ބައެއް ކަމަށް ވެސް އެ މީހުން ލިޔެފައިވާ ޕޯސްޓަރުތަކުގައިވެ އެވެ.

ރާޅާ އަޅަން މޫދުގައި ތިބި އިސްރާއީލުގެ މީހުން އެއްގަމަށް އަރައި، ރުއްތަކުގައި ހަރުކޮށްފައި ހުރި އިސްރާއީލާ ދެކޮޅު ބޯޑުތައް ފެނުމާއެކު އެ އެއްޗެހިތައް އެ މީހުން ހަލާކުކޮށްލި އެވެ. އެ މީހުން އެ އެއްޗެހި ހަލާކުކޮށްލުމުން، އެ ރަށުގައި ތިބި ޒުވާނުން އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ.
އިސްރާއީލާ ދެކޮޅަށް ތުލުސްދޫ ރުއްތަކެއްގައި ހަރުކޮށްފައި ހުރި ބޯޑުތަކެއް: މޫދުގައި ރަޅާ އަޅަން ގޮސްތިބި ޓޫރިސްޓުންތައް އެއްގަމަށް އަރައި އެ ބޯޑުތައް ވަނީ ހަލާކުކޮށްލާފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

"އަހަރުމެން އެކަން ކުރީ ހަމަ ޝުއޫރެއް ފާޅުކޮށްލުމުގެ ނިޔަތުގައި. ސުލްހަވެރިކަމާއެކު. އެ މީހުން މޫދުން އެރި ގޮތަށް އެ އެއްޗެހި ފެނިފައި ހަލާކުކޮށްލީ. ހަގީގަތުގައި ހަޖަމު ކުރެވެންޖެހޭނެ ދޯ؟،" އިސްރާއީލާ ދެކޮޅު ހަރަކާތުގައި އިސްކޮށް އުޅުނު ޒުވާނަކު "ސަން"އަށް ބުންޏެވެ.

ތުލުސްދޫގައި ހިންގި ހަރަކާތަށް އިސްރާއީލް މީހުން ހުރަސް އެޅުމުން، އެކަމާ ރަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރުމުން "ގެސްޓް ހައުސްތަކުން ޔަހޫދީން ނުވެސް ނުކުންނަ،" ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު