އީދު ސަލާން ކުރުމަށް 6000އާ ގާތްކުރާ އަދަދަކަށް މީހުން ދިޔަ: ރައީސް އޮފީސް

ފިތުރު އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުންނާ ސަލާން ކުރުމަށް 6000އާ ގާތްކުރާ އަދަދަކަށް ރައްޔިތުން ގޮސްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ މިއަދު 9:30 އިން ފެށިގެން 11:00އާ ހަމައަށް އީދު ސަލާމް ކުރުމަށް ދިޔަ އެންމެންނާ ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް އީދުގެ ސަލާން ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

‏ރައީސް ޔާމީން ވަނީ ފިތުރު އީދުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް ފޮނުއްވާފަ އެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ‏‏އުޚުތުންނަށާއި އަޚުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ، އެމަނިކުފާނަށް ލިބޭ ނުހަނު ‏‏ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވި އެވެ.

‏ފިތުރު އީދުގެ އުފާފާޅު ކުރަމުންދާއިރު، ދުނިޔޭގެ ބައެއް ގައުމުތަކުގެ މުސްލިމް ‏‏އުޚުތުންނާއި އަޚުތުން ބަރުދާސްތު ކުރަމުންދާ ހިތާމަތަކާއި ފުން އިހްސާސްތަކުގެ މަތިން ހަނދާން ކުރާކަމުގައި ރައީސް ވިދާޅުވި އެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަތީމާތައް އެމަނިކުފާނު ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

"ޚާއްސަކޮށް، ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުން ‏‏ތަހައްމަލުކުރަމުންގެންދާ ހިތްދަތި ދުވަސްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެންނަމުއެވެ. އަދި ‏‏ފަލަސްތީނު ރައްޔިތުން، ކުރަމުންދާ ޖިހާދަށް ނަސްރާއި ކާމިޔާބީ ދެއްވުން އެދި މާތްﷲގެ ‏‏ހަޟްރަތުގައި ދުއާ ދަންނަވަމުއެވެ. އަދި އިޒުރޭލުން ހިންގަމުންގެންދާ މި ބޮޑު ޖަރީމާތަކާއި ‏‏ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން މިއަދުވެސް އަޅުގަނޑު ކުށްވެރި ކުރަމުއެވެ،" ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު