އޭވައިއެލް އަތުން ބޮޑު ތަފާތަކުން މާޒިޔާ މޮޅުވެއްޖެ

ދިރާގު ދިވެހި ލީގުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން ބޮޑު ތަފާތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެ، ލީގުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 8-1 ލަނޑުންނެވެ. މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބު ކުރި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ.

މެޗުގެ ދިހަ ވަނަ މިނެޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހިމް ޝިޔާމް (ދޮނާ) އެވެ. އޭގެ މިނެޓެއް ފަހުން މާޒިޔާއަށް އަސަދުﷲ ލީޑު ފުޅާކޮށްދިން އިރު، އޭގެ މާ ގިނައިރުތަކެއް ނުވަނީސް މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދެސީ ކުޅުންތެރިޔާ އަބޫ ޑެސްމޮންޑް މަންސާރީ އެވެ.

މެޗުގެ 12 ވަނަ މިނެޓްގައި މާޒިޔާއަށް އަސަދުﷲ ކާމިޔާބުކޮށްދިން ދެވަނަ ލަނޑު ފެނިގެންދިޔަ އިރު، އޭނާ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 24 ވަނަ މިނެޓްގައެވެ. އޭގެ މިނެޓެއް ފަހުން އަސަދުﷲ ވަނީ އޭނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 6-0 ލަނޑަށް ހަދައިފަ އެވެ.

މެޗުގެ 53 ވަނަ މިނެޓުގައި މާޒިޔާގެ ހަތް ވަނަ ލަނޑު އަހްމަދު ނާޝިދު (ނާއްޓޭ) ކާމިޔާބުކޮށްދިން އިރު، މާޒިޔާގެ ފަހު ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަމްދޫހު މުހައްމަދެވެ. އަދި އޭވައިއެލްއިން ކާމިޔާބުކުރި ލަނޑަކީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އެ ޓީމަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު އާމިރެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މާޒިޔާ އެވެ. ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓެވެ. ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. ހަތަރު ވަނައިގައި އޮތް ވިކްޓަރީ އާއި ފަސް ވަނައިގައި އޮތް މަހިބަދޫއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ވިކްޓަރީއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގެ ހަތްވަނައިގައި ލިބުނު އެންމެ ޕޮއިންޓަކާއެކު ބީޖީ އޮތް އިރު، އެންމެ ފުލުގައި އޮތް އޭވައިއެލްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ދިރާގު ދިވެހި ލީގުގައި މިއަދު ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މިރޭ 10:00 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު